ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 55 ރުފިޔާއަށް ދަށްވެއްޖެއެވެ.
މި ރޯދަމަސް ފެށިގެން އައި އިރު ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިފައި ހުރީ ލުނބޯގެއެވެ. އެގޮތުން އޭރު ލުނބޯ ކިލޯއެއްގެ އަގުހުރީ، 120ރ އާއި 140ރ އާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި ރޯދަމަހުގެ ދެވަނަ ހަފްތާތެރޭވެސް އަގުތައް ހުރީ 90ރ އާއި 120ރ އާއި ދެމެދުގެ އަގުތަކެއްގައެވެ. އޭގެ ފަހުން އަގުތައްވަނީ ކިލޯއެއް 70ރ އާއި 80ރ އާއި ދެމެދުގެ އަގުތަކަކަށް ދަށަށް ގޮސްފައެވެ.
ބާޒާރުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ މިހާރު ބާޒާރަށް ގިނަ އަދަދަކަށް ލުނބޯ ލިބެމުންދާ ކަމަށެވެ. އަދި ރޯދަމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ލުނބޯގެ އަގުތައް މިއަށްވުރެވެސް ދަށަށް ދިޔުން އެކަށީގެންވާކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ލުނބޯގެ އިތުރުން މިރުހަކީވެސް ރޯދަމަސް ފެށުނު އިރު އަގު އުފުލިފައި ހުރި ބާވަތެކެވެ. އެގޮތުން ބާޒާރުގައި 100 ގްރާމް މިރުސް ހުރީ 90ރ އާއި 75ރ އާއި ދެމެދުގެ އަގުތަކެއްގައެވެ. އެހެން ނަމަވެސް މިހާރު ބާޒާރުގައި މިރުހުގެ އަގު ހުރީ 100 ގްރާމް މިރުސް 35ރ އާއި 25ރ އާއި ދެމެދުގެ އަގުތަކެއްގައެވެ.
ދަތުރުވެރިންގެ މާރުކޭޓަށް ބަލާލާއިރު ފަނި ގިރުމަށް ބޭނުންކުރާ ތަފާތު އެކި ބާވަތްތައް ލިބެން އެބަހުއްޓެވެ. އެގޮތުން ބާޒާރުގައި މިދުވަސްކޮޅު ދިވެހި އަނބު ތިޔައްގެވެ. ދިވެހި އަނބު ކިލޯއެއް މިއަދު ހުރީ ކިލޯއެއް 70ރ އާއި 90ރ އާއި ދެމެދުގެ އަގުތަކެއްގައެވެ.