ކުޅިވަރު

ބަންގްލަދޭޝް ބަލިކޮށް ބަހްރެއިން ފައިނަލަށް


މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝް ބަލިކޮށް
ބަންގްބަންދު ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަހްރެއިން ޖާގަ
ހޯދައިފިއެވެ. ސެމީފައިނަލްގައި މިއަދު ބަންގްލަދޭޝްގެ މައްޗަށް ބަހްރެއިން ކުރިހޯދީ
އެއްލަނޑު ސުންލަނޑުންނެވެ. މެޗްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރުވަގުތުގައި
ކާމިޔާބުކޮށްދިނީ އިބްރާހިމްއެވެ. މިމެޗްގެ ދެވަނަ ހާފްގައި ބަހްރެއިންގެ ކޯޗް ވަނީ
ބެންޗުން ފޮނުވާލާފައެވެ. ދެވަނަ ހާފްގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް
ބަންގްލަދޭޝްއަށް ލިބުނުކަން ފާހަގަކޮށްލެވެއެވެ. ބަންގްލަދޭޝް މުބާރާތުގެ
ސެމީފައިނަލުން ޖާގަ ހޯދީ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ބަހްރެއިން ސެމީ
ފައިނަލުން ޖާގަ ހޯދީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ފައިނަލްގައި މިމަހު
ބާވިސް ވަނަ ދުވަހު ބަހްރެއިން ވާދަކުރަން ޖެހޭނީ މާދަމާ ދިވެހިރާއްޖެއާ ނޭޕާލް
ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީފައިނަލް ދެވަނަ މެޗްގައި ރާއްޖެއާ ނޭޕާލް ވާދަކުރާ މާދަމާ ރާއްޖެ ގަޑިން ހަވިރު ހަތަރު ގަޑި ތިރީހުގައެވެ. މިމެޗް ޓީވީއެމްއިން ވަގުތުން ގެނެސްދޭނެއެވެ. އަދި މެޗް ހިނގަމުންދާ ގޮތް ދިވެހިރާއްޖޭގެ އަޑުން ވަގުތުން ދުރަށް ފޮނުވާނެވެއެވެ.