މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ
ފަރެސްމާތޮޑާ ހޯދައިފިއެވެ. އައްޑޫ ސިޓީގައި މިއަދު ލ ގަމާ ފަރެސްމާތޮޑާ ވާދަކުރިމެޗް
ފަރެސްމާތޮޑާ ކާމިޔާބުކުރީ ދެލަނޑު އެއްލަނޑުންނެވެ. މިގްރޫޕުން ސެމީފައިނަލްގެ ޖާގަ
ހޯދީ ފަރެސްމާތޮޑާއާ ސ ފޭދޫއެވެ.
ކުޅުދުއްފުށީގައި މިއަދު ކުޅުނު މެޗް ކާމިޔާބުކޮށް އޭދަފުށިވަނީ
ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއިން ޖާގަހޯދާފައެވެ. އޭދަފުއްޓާ ފޯކައިދޫ
ވާދަކުރިމެޗް އޭދަފުށި ކާމިޔާބުކުރީ ތިންލަނޑު ސުންލަނޑުންނެވެ. މިމެޗަށް ނިކުތްއިރުވެސް
އޭދަފުށްޓާ ފޯކައިދޫއަށް ވަނީ ސެމީފައިނަލްގެ ޖާގަ ޔަޤީންވެފައެވެ.
ސެމީފައިނަލްގައި އޭދަފުށި
ވާދަކުރަން ޖެހޭނީ ފަރެސްމާތޮޑާއާއެވެ. ސެމީފައިނަލް ދެވަނަ މެޗްގައި ފޯކައިދޫ
ނިކުންނާނީ ސ ފޭދޫއާ ދެކޮޅަށެވެ. ސެމީފައިނަލް ދެމެޗާއި ފައިނަލް މެޗު
އަދި ތިންވަނަ ހޮވާ މެޗު ކުޅޭނީ އައްޑޫ ސިޓީގައެވެ. އެމެޗުތައް ޓީވީއެމްއިން ވަގުތުން
ގެނެސްދޭގޮތައް ވަނީ ހަމަޖެހިފައެވެ.