ދުނިޔޭގެ ވިޔަފާރި

ކޯވިޑާ ގުޅިގެން އެމެޒޯން ކުންފުނީގެ މުވައްޒަފުންނަށް ދިން ޕޭލީވް ހުއްޓާލައިފި


ކޯވިޑާ ގުޅިގެން އެމެޒޯން ކުންފުނީގެ މުވައްޒަފުންނަށް ދިން ޕޭލީވް ނުވަތަ މުސާރައާއެކު ދިން ޗުއްޓީ ދިނުން ހުއްޓާލުމަށް އެކުންފުނިން ނިންމައިފިއެވެ.

އެމެރިކާގައި މަސައްކަތް ކުރާ އެމެޒޯން ކުުންފުނީގެ މުވައްޒަފުންނަށް އެންމެ ފުރަތަމަ ކޯވިޑުގެ ޢަލަމީ ވަބާ ފެށިގެން އައިއިރު ޕެއިޑްލީވްގެ ގޮތުގައި ދެ ހަފްތާ ދެއެވެ. ނަމަވެސް ފަހުން ވެކްސިންތައް ތަޢާރަފްވެ ގައިޑްލައިންތަކަށް އައި ބަދަލުތަކާއެކު މިމުއްދަތު އެއް ހަފްތާއަށް ވަނީ ބަދަލުކޮށްފައެވެ.

އެމެޒޯން ކުންފުންޏާ ޙަވާލާދީ ރޮއިޓަރސްއިން ބުނި ގޮތުގައި އެމެޒޯންގެ މުވައްޒަފުންނަށް މިހާރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ލިބޭނީ މުސާރަ ނުލިބޭ 5 ދުވަސް ކަމަށެވެ. އަދި އެއަށް ފަހު މަސައްކަތަށް އެނބުރި ނިކުންނަން ވާނެކަމަށް ކުންފުނިން ވަނީ އަންގާފައެވެ. އެމެޒޯން ކުންފުނިން ބުނެފައިވަނީ މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ކޯވިޑުގެ ކުރިންއޮތް ހާލަތައް އިޔާދަވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.

އެމެޒޯން ކުންފުނިން މުވައްޒަފުންނަށް ދޭ ޕެއިޑްލީވް ކުޑަ ކުރަން ނިންމާފައިވަނީ އެކުންފުނީގެ މަސައްކަތުގެ މާޙައުލާއި ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ވޭއަރ ހައުސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި ފުރަަތަމަ ފަހަރަށް އެކުންފުންޏީގެ ވެއަރ ހައުސް މުވައްޒަފުން ވަނީ ޔޫނިއަންއެއް ޤާއިމްކޮށް ހައްޤުތަކަށް ވަކާލާތު ކުރަން ފަށާފައެވެ.

އެމެޒޯން ކުންފުނިން ބުނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންނަށް ދޭ ޗުއްޓީގައި މުސާރަ ނުލިބޭ ގޮތަށް ހެދުމުގެ އިތުރަށް މިހާރު މުވައްޒަފަކު ޕޮޒިޓިވް ވިއަސް އެމަސައްކަތް ކުރާ ތަނަށް އެއްކޮށް ނޯޓިފައި ކުރުން ހުއްޓާލާނެ ކަމަށެވެ. އަދި ދެން އެކަން ކުރާނީ ޤާނީނީ ގޮތުން ލާޒިމްވާ ހާލަތްތަކުގައި އެކަނި ކަމަށެވެ. މިއީ ވެކްސިން ޖެހުމަށް އިތުރަށް ބާރުއެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އެކުންފުނިން ބުނެއެވެ.