ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި


އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 617719 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 50 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2019ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 8.9 އިންސައްތަ ދަށް އަދަދެެކެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދުތަށް:

- ޖެނުއަރީމަހު – 131764 ފަތުރުވެރިން
- ފެބްރުއަރީ – 149008 ފަތުރުވެރިން
- މާރޗު – 150739 ފަތުރުވެރިން
- އޭޕްްރީލް – 145279 ފަތުރުވެރިން
- މޭމަހުގެ 8ވަނަ ދުވަހާ ހަމައަށް- 40929 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދަކަކީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 31876 ފަތުރުވެރިންނާއި އަޅާ ބަލާއިރު 28 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 12.8 އިންސައްތަ އަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނެވެ.

12.4 އިންސައްތަ ހިއްސާއަކާއި އެކު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަނީ އިންޑިއާއިންނެވެ. އަހަރު ފެށިގެން އައިއިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔަ ރަޝިއާ މަރކެޓު މިހާރު ވަނީ 3 ވަނައަށް ވެއްޓިފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ 9.7 އިންސައްތަ ހިއްސާކުރަނީ އެޤައުމުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރުންނާއި އަމިއްލަ ކުންފުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.