ދުނިޔެ

ޗައިނާއިން މެދުއިރުމައްޗަށް މަލްޓި ބިލިއަން ޑޮލަރުގެ ޕްލޭންތަކެއް


މެދުއިރުމަތީގެ ޤައުމުތަކަށް އެހީވުމަށް އެކުލަވާލާފައިވާ
މަލްޓި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭންތަކެއްގެ ތަފްޞީލް ޗައިނާގެ
ރައީސް ޝީ ޖިންގޕިންގ ހާމަކުރައްވައިފިއެވެ. މިސްރުގެ ވެރިރަށް ޤާހިރާގައި އަރަބި ލީގް ބައްދަލުވުމެއްގައި
ވާހަކަފުޅުދައްކަވަމުން ޗައިނާގެރައިސް ޝީ ޖިންގ ޕިންގ ވަނީ "ވައިޑަރ މިޑްލް
އީސްޓް"ގެ ކަންކަން އިސްލާހް ކުރުމަށް ޗައިނާއާ ގުޅިގެން ރޭވިފައިވާ އެހީގެ
މަޝްރޫތަކަށް އަލި އަޅުވާލައްވާފައެވެ. މިގޮތުން މެދުއިރުމަތީގެ ގައުމުތަކުގެ
އިންޑަސްޓްރިއަލް ޕްރޮޑަކްޝަން ރަނގަޅުކުރުމަށް އަރަބި ގައުމުތަކާ ގުޅިގެން އެތައް
ފިޔަވަޅެއް އެޅުމަށް ޗައިނާއިން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. މިފިޔަވަޅުތަކުގެ ދަށުން އިންޑަސްޓްރިއަލް އަދި މާލީ ސެކްޓަރުތައް ރަގަޅުކުރުމަށް 15
ބިލިއަން ޑޮލަރު ޚަރަދު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މެދުއިރުމަތީގެ
ގައުމުތަކަށް 10 ބިލިއަން ޑޮލަރުގެ ޓްރޭޑް ކްރެޑިޓް ޗައިނާއިން ދޭނެ ކަމަށްވެސް ޝީ
ވިދާޅުވިއެވެ. 

މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ޗައިނާގެ ރައީސް
މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި ފުރަތަމަ ސައޫދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށްފަހު
މިސްރަށް ވަޑައިގެންފައިވަނީ ބުދަ ދުވަހުއެވެ. އަދި މިޒިޔާރަތަށްފަހު އީރާނަށް ވަޑައިގެންނެވުމަށް
ވަނީ ހަމަޖެހިފައެވެ.