ޚަބަރު

ވަޒީފާއަށް ވަނުމުގެ ޝަޢުޤުވެރިކަމާއެކު ފުލުހުންގެ އޯޕަންޑޭއަށް ބޮޑު ތަރުހީބެއް


އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ޕޮލިސް އެކަޑަމީއަކީ އެތަން އިމާރާތް ކުރަން ފެށީއްސުރެ އެތަނަކާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެކެވޭ ތަނެކެވެ. އެތަނަކީ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބަޔަކު ސިފަކުރިއިރު މިއީ ދިވެހި ފުލުހުންގެ ތަމްރީނުތަކަށް އިންޤިލާބީ ބަދަލެއް ގެންނާނެ ތަނެއްކަމަށް ފުލުހުން ދިޔައީ ބުނަމުންނެވެ. އަދި މިތަނުން އައްޑޫ ރައްޔިތުންނަށް ފައިދާވެ ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެކަމަށް ފުލުހުން ދިޔައީ ބުނަމުންނެވެ.

އައްޑޫގައި ހޮނިހިރު ދުވަހު ހަވީރު ބޭއްވި، ފުލުހުންގެ އޯޕަން ޑޭއަކީ މިތަނުން ލިބެން ހުރި ފުރުސަތުތައް ދައްކުވައިދީ ފުލުހުންގެ ޙިދުމަތާއި ގުޅެން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ފަހިކޮށްދިން ހަރަކާތަކެކެވެ. ފުލުހުންގެ އޯޕަންޑޭއަކީ ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ފުލުހުން ހާމަކުރީ އެތަނަށް ވަޒީފާ ފުރުސަތު ހޯދުމަށް ފަރާތްތަކުގެ އަދަދުންނެވެ. މިއީ އައްޑޫގައި ތިބެގެން ވަޒީފާ އަދާކުރަން އުއްމީދުކޮށްގެން ތިބި ކުދިންނަށް ލިބުނު ރަނުގެ ފުރުސަތަކެވެ.

ފުލުހުން ހާމަކުރިގޮތުގައި މި އޯޕަން ޑޭގެ ތެރެއިން 64 އެޕްލިކޭޝަން ފޯމު ފުލުހުންނަށް ވަނީ ލިބިފައެވެ. އަދި 30 ބައިވެރިން ފަހުން ހުށަހެޅުމަށް ފޯމު ގެންގޮސްފައިވާއިރު، 170 ފަރާތެއް ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ޝައުޤުވެރިކަން ވަނީ ފާޅުކޮށްފައެވެ. އަދި މި އޯޕަން ޑޭއަށް 300 އެއްހައި މީހުން ޒިޔާރަތްކޮށްފައިވާ ކަން ފުލުހުން ހާމަކުރެއެވެ.

މިއަދަދުތަކުންވެސް އައްޑޫގައި ވަޒީފާ ބޭނުން ވެފައި ތިބި ފަރާތްތައް ގިނަ ކަމާއި، ފުލުހުންގެ ޙިދުމަތާއި ގުޅެން ބޭނުންވާ ޒުވާނުންނާއި ސްކޫލު ނިންމި ދަރިވަރުން ތިބި ކަން ހާމަވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވިދާޅުވީ ފުލުހުންގެ ވަޒީފާއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖޫން މަހުގެ 20 އާއި ހަމައަށެވެ. އަދި ކުރިއަށް އޮތް ހަފްތާގައި މިހާރު ހުށަޅާފައިވާ ކުދިންގެ އިންޓަވިއު މަސައްކަތް ފެށިގެން ދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އޯޕަން ޑޭގައި ބައިވެރިވި ކުދިން ބުނެފައިވަނީ މިފަދަ ފުރުސަތެއް އައްޑޫގައި ތިބެގެން ލިބުމުން އުފާވާކަމަށެވެ.

"މިތަނަށް އައިސް ވަރަށް ގިނަ އެއްޗެހި ދަސްވި. އަދި އައްޑޫގައި މިފަދަ ޓްރެއިނިންތައް ބާއްވާތީ ވަރަށް އުފާވޭ" ބައިވެރިވި ޒުވާނެއް ބުނިއެވެ.

"ނިމިގެން ދިޔަ އިރު އެނގިއްޖެ ވަރަށް ގިނަ އޮޕޮޗުނިޓީސް އޮތް ތަނެއް ކަން މިއީ ކޮންމެ ދާއިރާއަކަށް ވިއަސް. އަދި މީގެ އެންމެ ހާއްސަ ކަމަކީ އައްޑޫސިޓީގެ ކުދިން އައްޑޫގައި ތިބެގެން، މިތަނުގައި ސްކޫލުގައި (ޕޮލިސް އެކަޑަމީ) ތިބެގެން ވަޒީފާ ލިބޭކަން. އެއީ ވަރަށް އުފާވި ކަމެއް. އަސްލު ރަނގަޅު ފުރުސަތެއް " އަންހެން ބައިވެރިޔަކު ބުނިއެވެ.

ފުލުހުންގެ ވަޒީފާ ފުރުސަތުތަކާއި ގުޅޭގޮތުން އައްޑޫގައި ބޭއްވި އޯޕަން ޑޭއަށް ފަހު ފުލުހުން އައްޑޫގެ ހިންގާ އެކަޑަމީގެ މުހިންމުކަން ފެނިގެންގޮސްފިއެވެ. މިތަނަކީ 300 އަށް ވުރެ ގިނަ ކުދިންނަށް އެއް ފަހަރާ ތަމްރީނު ދެވޭ ގޮތަށް ގިނަ ވަސީލަތްތަކާއެކު ޤާއިމުކުރެވިފައިވާ ތަނެކެވެ.

މިފެސިލިޓީގައި ކުރިއަށްގެންދިއުމަށް ފުލުހުންގެ ޚިދުމަތުން ރާވާފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ. މި އެކަޑަމީ ހިންގާނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުންނެވެ. އަދި މިއީ ފާއިތުވި 18 އަހަރު ފުލުހުން ތަމްރީނު ދިނުމަށް ކުރަމުން އައި ދަތިތަކަށް ސަރުކާރުން ނިންމުން ގެނެސްދެއްވާފައިވާކަމަށް ފުލުހުން ޚިދުމަތުން ވިދާޅުވެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ޤާއިމްކުރި މި މަރުކަޒު ޤާއިމްކުރުމަށް 30 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އައްޑޫގައި ޤާއިމް ކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓް ހުޅުވާފައިވަނީ މިއަހަރުގެ ފުލުހުންގެ ދުވަހާއި ގުޅުވައި މާރިޗު 27 ވަނަ ދުވަހުއެވެ.