ތިމާވެށި

ރާއްޖޭގެ ހަކަތައިގެ ދާއިރާ އިސްލާޙު ކުރުމުގެ މަސައްކަތް ކުރަނީ


ރާއްޖޭގެ ހަކަތަޔާއިބެހޭ ސެކްޓަރަށް ބަދަލްތަކެއް ގެނައުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާކަމަށާއި، މި ސަރުކާރު އައިފަހުން 2 މެގަވޮޓްގެ ސޯލާޕަނަލް ހަރުކުރުމުގެ މަސައްކަތް މިހާތަނަށް ނިންމަވާފައިވާކަމަށް އެންވަރަމެންޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ.އެންވަޔަރަމެންޓް މިނިސްޓަރ ޠޯރިޤް އިބްރާހިމް މިހެން ވިދާޅުވީ ރާއްޖޭގައި ވައިން ހަކަތަ އުފެއްދޭނެ ގޮތްތަކަކީ ކޮބައިތޯ ބެއްލެވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ފަރާތްތަކާއިއެކު މިއަދު ފެށުނު މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހަކަތަ އުފެއްދުމަށް ރާއްޖެއަށް ތެޔޮ އިމްޕޯޓްކުރުމަށް ޖީޑީޕީގެ 23 އިންސައްތަ ހޭދަވާކަމަށް މިނިސްޓަރ ޠޯރިޤް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިން ތެލަށް ކުރާ ހޭދަ ކުޑަކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރު ކުރުމަށް ސަރުކާރުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ރާއްޖޭގައި ވައިންނާއި އަވިން ހަކަތަ އުފެއްދުމާއި އަދި އެނޫން ގޮތްގޮތަށްވެސް ހަކަތަ އުފެއްދޭނެ ގޮތްތައް ދިރާސާކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ޠޯރިޤް ވިދާޅުވިއެވެ.  އަދި  އިޔާދަކުރަނިވި ހަކަތައާއި ގުޅޭ މިފަދަ ވޯކްޝޮޕެއްގައި އިޔާދަކުރަނިވި ހަކަތައާއި ޑީސަލް ޖަނަރޭޓަރު ސެޓްތައް ގުޅާލެވޭނެ އެންމެ ފަސޭހަ އަދި އެންމެ ޚަރަދު ކުޑަގޮތަކަށް މަސައްކަތް ކުރެވޭނެ ގޮތްތައް ދެނެގަތުމަކީވެސް މުހިންމުކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިރަސްމިއްޔާތުގައި އޭ.ޑީ.ބީ.ގެ އޮފީސް އޮފް ޑައިރެކްޓަރ ޖެނެރަލް، ސައުތު އޭޝިޔާ ޑިޕާޓްމެންޓްގެ އެޑްވައިޒަރ ލިޕިންގ ޒެންގ ބައިވެރިވެވަޑައިގެން އިޔާދަކުރަނިވި ހަކަތައިގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވަހަކަފުޅު ދެއްކެވިއެވެ. އޭ.ޑީ.ބީ. އާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިވަޑައިގެން މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދަވާ މި މަސައްކަތު ބައްދަލުވުމުގައި ސްޓެލްކޯއާއި، ފެނަކަ ކޯޕަރޭޝަންގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ޖުމްލަ 25 ފަރާތަކުން ބައިވެރިވެޑައިގަންނަވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.