ރިސޯޓު ތަރައްޤީކުރަން މިދިޔަ އަހަރުގެތެރޭ ހުޅުވާލި ރަށްތަކުގެ ބީލަން ފަސް ކުންފުންޏަކުން ކާމިޔާބުކޮށްފައި ވާއިރު، ކަނޑައެޅި މުއްދަތުގައި ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިދިޔަ އޭޕްރީލްމަހުގެތެރޭ ބީލަން އެވޯޑުކޮށްފައިވަނީ ފ.އެނބުލިފުށި، ފ.ޖިންނަތުގައު، ގދ.ކަނޑަހަލަގަލަ، މ.ސީދީ ހުރާގެ އިތުރުން ހއ.އަލިދުއްފަރުފިނޮޅެވެ. ބީލަން އެވޯޑުކުރެވިފައިވާ ފަރާތްތަކުން ލީސް އެކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ %50 ދެއްކުމުގެ އިތުރުން އިނީޝަލް އެންވަޔަރަމެންޓު އެސެސްމެންޓެއް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ޓޫރިޒަމް މިނިސްޓްރީން ދެއްވިއެވެ. މި މުއްދަތު ހަމަވިއިރު، ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
ފ.އެނބުލުފުށި - ނައިޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް : ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 3601155 (ތިން މިލިއަން ހަލައްކަ އެއްހާސް އެއްސަތޭކަ ފަންސާސް ފަހެއް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 150000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވެއެވެ.
ފ. ޖިންނަތުގައު - އަކިރި ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑ : ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 2,021,121.00 (ދެ މިލިއަން އެކާވިސް ހާސް އެއްސަތޭކަ އެކާވިސް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 200121.00 (ދެލައްކަ އެއްސަތޭކަ އެކާވީސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވެއެވެ.
ގދ. ކަނޑަހަލަގަލަ - ޕަޔަނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑ: ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 2800000 (ދެ މިލިއަން އަށް ލައްކަ) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 150000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވެއެވެ.
މ. ސީދީހުރާ އާއި ސީދީހުރާ ވެލިގަނޑު - މާކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް : ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 1599999 (އެއް މިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް ނުވަ ސަތޭކަ ނުވަދިހަ ނުވައެއް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 120000 (އެއްލައްކަ ވިހިހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މުއްދަތު ހަމަވިއިރު ހއ. އަލިދުއްފަރުފިނޮޅުގެ ބީލަން ކާމިޔާބުކުރި ފަރާތުން އެވޯޑް ލެޓަރގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކޮށްފައިނުވާކަމަށެވެ. މިގޮތުން، ހއ. އަލިދުއްފަރުފިނޮޅުގެ ބީލަން ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ "ފޯފީޓް" ކުރުމާއި ފ. އެނބުލުފުށި، ފ. ޖިންނަތުގައު، ގދ. ކަނޑަހަލަދަލަ އަދި މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާއި އެކު) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގައި ގިނަ ޢަދަދެއްގެ ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންވެސްޓުކުރާ ގިނަ ފަރާތްތަކަށް އެކި ގޮންޖެހުންތައް ދިމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިއިންވެސްޓްމަންޓުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި އެހީތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ.