ޚަބަރު

ތިނަދޫ ހޮސްޕިޓަލަށް ދައްކާ މީހުންގެ އަދަދު 80 އިންސައްތަ ދަށަށް !


ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ދިމާވި ކަރަންޓް ކެނޑުނު ޙާދިސާއަށްފަހު އެރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާ ނިސްބަތް އަށްޑިހަ އިންސައްތައަށްވުރެ ދަށަށް ގޮސްފައިވާކަމަށް ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާރވިސް، ޙުސައިން ރަޝީދު ވިދާޅުވީ ކަރަންޓު ކެނޑުމުގެ ޙާދިސާ ހިނގުމުގެ ކުރިން ހޮސްޕިޓަލްގެ އޯޕީޑީއަށް ޑޮކްޓަރަށް ދައްކާ ނިސްބަތް ވަރަށް ގިނަ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އޯޕީޑީގެ 8 ރޫމްގައި ޑޮކްޓަރުން ބަލިމީހުން ބައްލަވަމުން ގެންދަވާކަމަށާއި، ޚާއްސަކޮށް އަތޮޅު ތަކުގެ ފެރީ އޮންނަ ދުވަސްދުވަހު އެތައް  ގުނައެއް އިތުރުކަމަށެވެ. ނަމަވެސް މިވަގުތު ޑޮކްޓަރުން ބަލިމީހުން ބައްލަވަމުން ގެންދަވަނީ ހަތަރު ރޫމްގައިކަމަށް ހުސައިން ވިދާޅުވިއެވެ. ޑޮކްޓަރަށް ދެއްކުމަށް އިއްޔެއާއި ރޭ ހޮސްޕިޓަލަށް އައިސްފައިވަނީ އެންމެ 2 ބަލިމީހުންކަން ހުސައިން ފާހަގަކުރެއްވިއެވެ.ކަރަންޓު ކެނޑުމުގެ ޙާދިސާއަށްފަހު އެންމެ ގިނައިން ޑޮކްޓަރަށް ދައްކަން އަންނަނީ ކުޑަކުދިންނާއި މާބަނޑު މީހުންކަމަށް އޭނާ ވިދާޅުވިއެވެ. ތިނަދޫ ޑރ.ޢބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި 23 ޑޮކްޓަރުން މަސައްކަތް ކުރައްވަމުންގެންދަވައެވެ. ޙުސައިން ރަޝީދު ވިދާޅުވީ، މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ޑޮކްޓަރުން ބައްލަވަމުން ގެންދަވަނީ 3 ބަލިމީހުންކަމަށެވެ. ހޮސްޕިޓަލްގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ މިރަށުގައި އުފައްދާފައިވާ އޮޕަރޭޝަން ސެންޓަރުގެ ލަފާގެ މަތިންކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އަންގާރަ ދުވަހުން ފެށިގެން ކަރަންޓު ފޯރުކޮށްދެމުން އައިސްފައިވަނީ 120 ކިލޯވޯޓުގެ ޖަނެރޭޓަރަކުންނެވެ. ނަމަވެސް އެޖަނެރޭޓަރަށް ދިމާވި މައަސލައަކާއި ގުޅިގެން ރޭ ވަނީ ދެފަހަރެއްގެ މަތިން ކަރަންޓު ކަނޑައިގެން ގޮސްފައެވެ.ނަމަވެސް މިހާރު ހޮސްޕިޓަލަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ 75 ކިލޯވޯޓުގެ ޖަނެރޭޓަރަކުންނެވެ. އެހެންކަމުން ހޮސްޕިޓަލްގައި މިވަގުތު ކަރަންޓު ފޯރުކޯށްދެމުން ދަނީ ކޮންމެހެން ކަރަންޓު ފޯރުކޮށްދޭންޖެހޭ ޑިޕާޓްމަންޓްތަކަށް އެކަންޏެވެ. އެއީ ޑޮކްޓަރުން ބައްލަވާ 4 ރޫމާއި، އެއް ވާޑަށާއި، އައިސީޔޫއަށެވެ. ހުސައިން ވިދާޅުވީ، އިމަޖެންސީގައި ޑޮކްޓަރަށް ދެއްކުމަށް ތިނަދޫއަށް ނައިސް، ގއ. ވިލިނގިއްޔަށް ނުވަތަ މާލެއަށް ބަލިމީހުން ފޮނުވުމަށް އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު އަންގާފައިވާކަމަށެވެ.ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ޢާންމުގޮތެއްގައި ޚިދުމަށް ހޯދަމުންދަނީ ގއ. އަދި ގދ.ގެ ރަށްރަށުގެ ރަށްޔިތުންނެވެ.