ޚަބަރު

ތިނަދޫ ބީއެމްއެލް ބްރާންޗުން ޚިދުމަތްދޭން ފަށައިފި


ދެ ދުވަހުގެ މެދު ކެނޑުމަކަށްފަހު ބީއެމްއެލް ތިނަދޫ ބުރާންޗުން މިއަދު ޙިދުމަތް ދޭން ފަށައިފިއެވެ.މިދިޔަ އަންގާރަ ވިލޭރޭ ތިނަދޫގެ އިންޖީނުގޭގައި ރޯވެ، ކަރަންޓް ކަނޑައިގެން ދިޔުމުން، ބީއެމްއެލްގެ ތިނަދޫ ބްރާންޗުގެ ޙިދުމަތް މެދުކެނޑުނު ނަމަވެސް ތިނަދޫ ބުރާންޗުން ގެންދެވީ ޕީއޯއެސް މެޝިން ބޭނުންކޮށްގެން އާއްމު ފަރާތްތަކަށް ފައިސާ ނެގޭނެ ގޮތްތައް ހައްދަވާދެއްވަމުންނެވެ. ބީއެމްއެލް ތިނަދޫ ބުރާންޗަށް ކަރަންޓު ފޯރުކޮށްދީފައިވަނީ އިއްޔެ އަމާރީ ހަވޮއްޑާ ރިސޯޓުން ގެނައި 125 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ބޭނުން ކޮށްގެނެވެ.މިއަދު ބީއެމްއެލުން ޙިދުމަތްދޭން ފެށުމާއި އެކު ގިނަ ފަރާތްތަކަކުން ގެންދަނީ ޙިދުމަތް ހޯދަމުންނެވެ. ބީއެމްއެލް ތިނަދޫ ބުރާންޗަށް އިސްކަމެއް ދެއްވައިގެން ފެނަކައިން ކަރަންޓް ފޯރުކޮށްދީފައިވަނީ މުވައްޒަފުންގެ މުސާރަތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމުގެ ގޮތުންނެވެ.ކުރިއަށް އޮތީ ހަފްތާ ބަންދު ކަމަށްވުމުން ގދ. އަތޮޅުގެ ހުރިހާ ރަށަކުންވެސް ބޭންކުގެ ޙިދުމަތް ހޯދަމުންދާ ކަން ފާހަގަކޮށްލެވެއެވެ. ތިނަދޫގެ އޭޓީއެމްތަކުންވެސް މެދުކެނޑުމެއް ނެތި މިހާރު ދަނީ ޙިދުމަތް ދެމުންނެވެ.