މިއަހަރުގެ ކުރިއަށްއޮތް ތަނުގައިވެސް އެމް.އެމް.ޕީ.އާރު.ސީން ރާއްޖެ އިޝްތިހާރުކުރުމަށް އިތުރު 20 ހަރަކާތެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އަހަރުގެ މިހާތަނަށްވެސް އެމް.އެމް.ޕީ.އާރު.ސީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފައެވެ.
އެމް.އެމް.ޕީ.އާރު.ސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މައި ޒިންމާ އަދާކުރާ ކުންފުންޏެވެ. އެ ކުންފުނިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ ރީތިނަން ދަމަހައްޓާ ރާއްޖެއަކީ ކޮންމެ ފަންތިއެއްގެ ފަތުރުވެރިއަކުވެސް އަންނަން ބޭނުންވާނެ މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.
ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތުގެ ދަށުން އެމް.އެމް.ޕީ.އާރު.ސީން ދުނިޔޭގެ ބޮޑެތި ފެއަރތަކުގައި ބައިވެރިވުމާއި، ރޯޑްޝޯތައް ބޭއްވުމާއި، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޤުބޫލު ފަރާތްތައް ރާއްޖެ ގެނެސް އެ ފަރާތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި އެކިއެކި މީޑިއާ އަދި ޕްރޮމޯޝަނަލް ހަރަކާތް ހިންގާ ފަރާތްތަކާއި އެއަރލައިންތައް މެދުވެރިކޮށްވެސް ރާއްޖެ އިޝްތިހާރުކުރުމުގެ ކެންޕެއިންތައް އަންނަނީ ހިންގަމުންނެވެ. އަހަރުގެ މިހާތަނަށް އެމް.އެމް.ޕީ.އާރުސީން ވަނީ 60 އަށްވުރެ ގިނަ ހަރަކާތް ހިންގާ، އެތައް މިލިއަން މީހުންނަކަށް ރާއްޖެ އިޝްތިހާރުކޮށްފައެވެ.
ރާއްޖެ ޕްރޮމޯޓްކުރުމަށް އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައިވެސް އެމް.އެމް.ޕީ.އާރު.ސީން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އެގޮތުން ކުރިއަށްއޮތް 5 މަސްދުވަހުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް އިތުރު 20 ހަރަކާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.
އަހަރުގެ ކުރިއަށްއޮތް ތަނުގައި އެމް.އެމް.ޕީ.އާރު.ސީން ރާއްޖެ އިޝްތިހާރުކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި ސިންގަޕޫރު، އެމެރިކާ، ކެނެޑާ، ޕްރާންސް، ޖަޕާން، ސައުދީ އަރަބިއްޔާ، އަދި އިޓަލީ ހިމެނެއެވެ. މީގެއިތުރުން ސްވިޒަލޭންޑް، ޖަރުމަނުވިލާ، އިނގިރޭސިވިލާތް، ސްޕެއިންގައިވެސް އަހަރުގެ ކުރިއަށް އޮތްތަނުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް އެމް.އެމް.ޕީ.އާރު.ސީން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމް.އެމް.ޕީ.އާރު.ސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކޯވިޑަށްފަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 838،225 (އަށްލައްކަ ތިރީސް އަށްހާސް ދުއިސައްތަ ފަންސަވީސް) ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނާއި އަޅާބަލާއިރު %59.3 އެވެ.