ޚަބަރު

ސަރުކާރުގެ އިސް ވަފްދެއް ސިންގަޕޫރުގައި !


ދިވެހި ސަރުކާރުގެ އިސް ވަފްދެއް ސިންގަޕޫރުގައި ބޭރުގެ މީޑިޔާތަކާ ބައްދަލުކޮށް ކުރީގެ ރައީސް ނަޝީދަށް ޖަލު ހުކުމް އައިސްފައިވަނީ ކޮން ގޮތަކަށްތޯ އަދި މިހާރު އެ މައްސަލައިގައި ކޯޓުގެ މަރުހަލާ ކުރިޔަށްދާ ގޮތް ސާފުކޮށްދިނުމަށް މަޢުލޫމާތު ޙިއްޞާ ކުރައްވައިފިއެވެ. ސަރުކާރުގެ އިސް ވަފްދުގެ ފަރާތުން ބޭރުގެ މީޑިޔާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރުވަނީ ރޭ ފަތިހު ހަތަރެއް ޖެހިއިރު ބީ.ބީ.ސީ ގައި މިކަމާ ގުޅޭގޮތުން އިންޓަވިއު އެއް ދެއްވާފައެވެ. އަދި މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަފްދުން ވަނީ މި ނޫންވެސް ބޭރުގެ މީޑިޔާތަކާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައެވެ.ދިވެހި ސަރުކާރުގެ އިސް ވަފްދުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރުއާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދުއާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރުއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާރސަން އިބްރާހިމް ޙުސެއިން ޝިހާބެވެ. ދިވެހި ސަރުކާރުގެ އިސް ވަފްދު ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ. އަދި މި ވަފްދު އެނބުރި މާލެ ވަޑައިގަންނަވަން އޮތީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.