ޚަބަރު

އަމަލް ކްލޫނީގެ ވާހަކަތަކަށް އާޒިމާ ޝަކޫރު ރައްދުދެއްވައިފި


ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު މަރުވެފައިވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ މެމްބަރެއް ކަމަށްވާ އަމަލް ކްލޫނީ ދައްކަވާފައިވާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝަކޫރު ރައްދުދެއްވައިފިއެވެ. ބީ.ބީ.ސީގެ ނިއުސް-ޑޭ ޕްރޮގްރާމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ޢާޒިމާ ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު މަރުވެފައިވާކަމަށް ވިދާޅުވެ، އަމަލް ކްލޫނީ ވާހަކަ ދައްކަވާފައިވަނީ، ރައީސް ނަޝީދަކީ މިވަގުތު މިނިވަނަކަށް ނުވާތީކަމަށެވެ. އަދި، އެއީ މި ވަގުތު ކަންތައް އޮތް ގޮތުން އެމަނިކުފާނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެތީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ މެންބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކެއްކަމަށް ޢާޒިމާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ، ރާއްޖެއަކީ ޤާނޫނު އަސާސީއެއްގެ ދަށުން ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލުތަކުގެ ދަށުން ވެރިކަން ކުރަމުން އަންނަ މިނިވަން އަދި މުސްތަޤިއްލު ޑިމޮކްރެޓިކް ޤައުމެއްކަމަށެވެ. މީގެ އިތުރުން، ޢާޒިމާ ވަނީ ރައީސް ނަޝީދުގެ އިސްތިޢުނާފުގެ މައްސަލައާ ބެހޭގޮތުން ނިއުސް-ޑޭ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވާފައެވެ.