ދުނިޔެ

އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކެއް ސޫރިޔާގައި ދަނީ ހިންގަމުން- އދ


ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މައާފް ނުކުރެވޭ ވަރުގެ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގަމުން ގެންދާކަމަށް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައިކޮމިޝަނަރ ޒައިދުބިން ރަޢްދުލްހުސައިން ވިދާޅުވެއްޖެއެވެ. ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒައިދު ވިދާޅުވީ ސޫރިޔާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތެރޭގައި އެގައުމުގެ އެކި ސަރަހައްދުތަކުގެ ރައްޔިތުން ބަނޑަށް ޖެއްސުން ހިމެނޭކަމަށެވެ. މިއީ ހަނގުރާމައިގެ ޖަރީމާއެއްގެ އިތުރުން މަޢާފް ނުކުރެވޭވަރުގެ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރީމާއެއް ކަމަށްވެސް ރަޢްދު ސިފަކުރެއްވިއެވެ. ހަނގުރާމައިގެ ޙިސާރުގެ ފިޔަވަޅުތަކުގެ ސަބަބުން ބަނޑަށް ޖެހުނު ސޫރިޔާގެ ސަރަހައްދުތަކުގެ ތެރޭގައި މަޟާޔާގެ އިތުރު 15 ސަރަހައްދެއް ހިމެނެއެވެ. މިދިޔަ މަހުގެ ކުރީކޮޅު އދ. ން އެސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިންއިރު ހައިހޫނުކަމުގައި އެތަށް ބަޔަކު މަރުވެފައިވާކަން އދ. ގެ މަސްއޫލުވެރިން ވަނީ ފާހަގަކުރައްވާފައެވެ.