ރާއްޖޭގައި އިންޑިއާގެ ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތަކެއް އެބަހުރިކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޟް މިހެން ވިދާޅުވީ އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމް ފެއްޓުމުގެ ގޮތުން އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިހާރު އިންޑިއާއަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދާ ފޯރަމެކެވެ. ފޯރަމްގެ އެންމެ ބޮޑު ބޭނުމަކީ ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އަދި ދެގައުމުގެ ދެމެދުގައި ކުރިއަށްގެންދެވޭނެ ވިޔާފާރިއާއި އިޤްތިޞާދީ ދާއިރާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ރާއްޖޭގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، އިންޑިއާގެ ސަރުކާރުގެ އެހީގައި އިތުރު ގިނަ މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި މަޝްރޫޢުތަކާއެކު އިންޑިއާގެ ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނަށް ރާއްޖޭގައި ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
" ރާއްޖޭގެ އުތުރާއި ދެކުނުގައި އެއަރޕޯޓުތައް ތަރައްޤީކުރުމާއި، ގްރޭޓަރ މާލެ ރީޖަންގައި އާ ޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއުގެ އިތުރުން، އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރިޑިޓުގެ ދަށުން އިތުރު މަޝްރޫޢުތައްވެސް ފެށުމަށް ވަނީ ހަމަޖެހިފައި، މި މަޝްރޫޢުތަކާއި އެކު އިންޑިއާގެ ކޮންޓްރެކްޓަރުންނަށާއި، އިންފްރާސްޓްރަކްޗަރ ޑިވެލޮޕަރުންނަށް ރާއްޖޭގައި ގިިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ،" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އިންޑިއާގެ އިންވެސްޓަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
"މަސްވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އިންޑިއާގެ ކުންފުނިތަކަށް ގިނަ ފުރުސަތުތައް އެބަހުރި، އެގޮތުން ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓު، ފިޝް ޕްރޮސެސިންގ، ވެލިއު އެޑިޝަން، އެކުއަ ކަލްޗަރގެ ދާއިރާއިން ފުރުސަތުތައް އެބަަހުރި" ފައްޔާޟް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޟް ވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ އުމްރާނީ ބޮޑެތި މަޝްރޫޢުތަކުގެ މަޢުލޫމާތުތައްވެސް ހިއްސާކޮށްފައެވެ. އަދި މި ދާއިރާތަކުން އިންވެސްޓަރުންނަށް ފަހިވެފައިވާ ފުރުސަތުތަކާއި ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ވާހަކަދައްކަވާފައެވެ.
އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި އިސް ފަރާތްތަކުން ބައިވެރިވެއެވެ. މި ފޯރަމްގައި އިކޮނޮމިކް މިނިސްޓަރ ފައްޟާޒް އިސްމާއިލްގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުޞަތުތަކާއި ގުޅޭ މައުލޫމާތު އިންޑިއާގެ އިންވެސްޓަރުންނާއި ހިއްސާކޮށްފައެވެ