ޚަބަރު

ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދަށް ބަދަލުތަކެއް !


ޝަރުޢީ ކޯޓެއްގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް ހިންގައިފިނަމަ އެކަން ކުރި މީހަކު ސަތޭކަހާސް ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދަށް ސުޕްރީމްކޯޓުން ބަދަލު ގެންނަވައިފިއެވެ. މިޤަވާއިދުގައި ކުރިން ބަޔާންކުރައްވާފައިވާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑޭފަދަ ޢަމަލެއް ހިންގައިފި މީހެއްގެ ޢަދަބަކީ 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަށް ޖަލު ޙުކުމެއް ކުރެއްވުން ނުވަތަ 10 ހާސް ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރެއްވުމެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން މިޤަވާޢިދަށް ގެންނަވައިފައިވާ އިޞްލާޙަށްފަހު ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް ކުރިކަން ސާބިތުވެއްޖެނަމަ ޤާނޫނުލް އުޤޫބާތުގައި ބަޔާންކުރައްވައިފައިވާ ޢަދަބެއް ދެއްވުން ނުވަތަ ސަތޭކަހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެއްވުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިވަޑައިގެންވެއެވެ. އެހެންނަމަވެސް ސަތޭކަހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެއްވޭނީ ކޯޓުގެ ޙުރުމަތް ކެނޑި މައްސަލައިގައި ވަކިން ޝަރީޢަތްކުރެވި ކޯޓަށް އެކަން ސާބިތުވެގެން ކަމަށް މިއިޞްލާޙްގައި ބަޔާންކުރައްވައިފައިވެއެވެ. ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކުރައްވާފައިވާ ގޮތުން ކޯޓުގެ ޙުރުމަތް ކެނޑޭ ޢަމަލުތައްކުގެ ތެރޭގައި، ޢަދުލު އިންޞާފުގެ ދާއިރާއާމެދު ނުބައި ތަޞައްވުރެއް ދެއްކުމަށް މަސައްކަތްކުރުމާއި، ޝަރީޢަތަކަށް ހުރަސްއެޅުމާއި، ކޯޓަކުން އަންގަވާ އެންގެވުމަކާ ޚިލާފުވާގޮތަށް ޢަމަލުކުރުމާއި، ޢަދުލު އިންސާފް ޤާއިމުކުރެއްވުމަށް ދަތިކުރުމާއި، ކޯޓަކަށް ނުވަތަ ފަނޑިޔާރެއްގެ ޤަދަރާއި ކަރާމާތް ގެއްލޭފަދަ އެއްވެސް ކަމެއް ކުރުން ހިމެނެއެވެ.