މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަހުން މަހަށް އައީ އިތުރުވަމުންނެވެ. އެހެންނަމަވެސް ނިމިދިޔަ އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2021 ވަނަ އަހަރުގެ އޮގަސްޓްމަހާއި އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށްވެސް ދަށްވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްމަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ %8.2 ދަށްވެފައެވެ.
މިއަހަރުގެ އޮގަސްޓްމަހު ރާއްޖެ އައިސްފައިވަނީ 131،863 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހު ރާއްޖެ އައިސްފައިވަނީ 143،599 ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިއީ 11،736 ފަތުރުވެރިންގެ ދަށްވުމެކެވެ.
ފަތުރުވެރިންގެ ނަންބަރުތައް މިއަހަރު އިތުރުވަމުން އައިސް ކުއްލިއަކަށް ނަންބަރުތައް މިހާބޮޑަށް ދަށްވި މިއީ ފުރަތަމަ މަހެވެ. މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، އޮގަސްޓްމަހަކީ ފަތުރުވެރިން ރާއްޖެ އައުން މަދު ލޯ ސީޒަންގެ ދުވަސްކޮޅުކަމަށެވެ.
ނަމަވެސް އޮގަސްޓްމަހު ރާއްޖެ އައި ފަތުރުވެރިންގެ ނަންބަރުތައް ދަށްވުމުގައި ގިނަ ސަބަބުތަކެއް އެކުލެވިގެންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ފިއުލް ޗާޖު އަގު ބޮޑުވުމާއިގުޅިގެން އެއަރލައިންތަކުގެ ޓިކެޓްގެ އަގު ބޮޑުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ޔޫރަޕްގެ ޤައުމުތަކުގައި ހޫނުގަދަވުމަކީވެސް މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވުމަށް މެދުވެރިވި ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަހަރުގެ ފަހު ކޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންއެވެ. މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި އޮކްޓޯބަރ މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ. އަދި ދުނިޔޭގެ އިޤްތިސާދަށް އިތުރު ކާރިސާއެއް ދިމާނުވާނަމަ ފަތުރުވެރިންގެ ނަންބަރުތައް ދާނީ އިތުރުވަމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޮގަސްޓްމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 4،254 ފަތުރުވެރިންނެވެ. ޖުލައިމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 4،308 ފަތުރުވެރިން ވަނީ އައިސްފައެވެ. އެހެންކަމުން މިއީ ދުވާލެއްގެ މައްޗަށް 54 ފަތުރުވެރިންގެ ދަށްވުމެކެވެ.
އޮގަސްޓްމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް މުޅި އަހަރަށް ބަލާއިރު މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހު ރާއްޖެ އައިސްފައިވަނީ 1،078،635 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެ އައިސްފައިވަނީ 755،966 ފަތުރުވެރިންނެވެ.
1- އިންޑިއާ: 153،204 ފަތުރުވެރިން
2- ރަޝިއާ: 123،208 ފަތުރުވެރިން
3- އިނގިރޭސިވިލާތް: 122،871 ފަތުރުވެރިން
4- ޖަރުމަނުވިލާތް: 85،696 ފަތުރުވެރިން
5- އިޓަލީ: 64،068 ފަތުރުވެރިން
1- ޖަނަވަރީ 131،764 ފަތުރުވެރިން
2- ފެބްރުއަރީ 149،008 ފަތުރުވެރިން
3- މާރޗް 150،748 ފަތުރުވެރިން
4- އޭޕްރީލް 145،280 ފަތުރުވެރިން
5- މެއި 125،522 ފަތުރުވެރިން
6- ޖޫން 110،889 ފަތުރުވެރިން
7- ޖުލައި 133،561 ފަތުރުވެރިން
8- އޮގަސްޓް 131،863 ފަތުރުވެރިން
ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 25 އެއަރލައިންއަކުން އަންނަނީ ދަތުރުކުރަމުންނެވެ. އަދި ރާއްޖެއަށް ދަތުރުފެށުމުގެ ޝައުގުވެރިކަން ގިނަ އެއަރލައިންތަކަކުން ދަނީ ފާޅުކުރަމުންނެވެ. ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން މިއަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވާ އަދަދު ހާސިލްވާނެކަމަށް ބެލެވެއެވެ.