އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ.ކުޑަރިކިލަށް މިއަދު ތައާރަފްކޮށްފިއެވެ.
އުރދޫން ބުނީ ބާރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަރ ސުޕަރނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، އަންނަ މަސް ނިމުމުގެ ކުރިން މިޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗެއް ގަތަރުގައި ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ ފައިބަރ ސުޕަރނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވަރ ޚިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ.
" އިންޓަނެޓަކީ މިހާރު އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށާއި ދިރިއުޅުން އިތުރަށް މުއްސަނދިކުރުމަށްވެސ އެންމެ މުހިންމު އެއް ވަސީލަތެއް. އެހެން ކަމުން މިއަދު ކުޑަރިކިލުގެ ރައްޔިތުންނަށް ފައިބަރ ސުޕަރނެޓް ފޯރުކޮށްދީ އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސުޕަރނެޓްގެ ޚިދުމަތް އަލައް ނަގާ ފަރާތްތަކަށް ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތުވެސް އިތުރަށް ހުޅުވިގެންދާނެ." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވިއެވެ.
ދާދި ފަހުން އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.
މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވެގެންދާނެކަމަށް އުރީދޫއިން ހާމަކުރެއެވެ.