ވިޔަފާރި

ޑިޕާޗަރ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ދެގުނަ އިތުރު


މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ޑިޕާޗަރ ޓެކްސްގެ ގޮތުގައި 519 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ޑިޕާޗާ ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. މި ބިލް ތަސްދީގުކުރެއްވުމުން އެއަރޕޯޓް ސަރވިސް ޗާޖު އުވި ޑިޕާޗަރ ޓެކްސް ވަނީ ނަގަންފަށާފައެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ޤާނޫނު ކުރިން އޮތް ގޮތުން އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީން ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ. ނަމަވެސް ޑިޕާޗަރ ޓެކްސް ނަގަން ފެށުމާއިއެކު ޓެކްސް ނަގަނީ އެމީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށް ފަހުގައެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ 8 މަސްދުވަހު ޑިޕާޗަރ ޓެކްސްގެ ގޮތުގައި 519،766،386 (ފައްސަތޭކަ ނަވާރަ މިލިއަން ހަތްލައްކަ ފަސްދޮޅަސް ހަހާސް ތިންސަތޭކަ އަށްޑިހަ ހައެއް) ރުފިޔާވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 256،580،780 (ދުއިސައްތަ ފަންސާސް ހަ މިލިއަން ފަސްލައްކަ އަށްޑިހަ ހާސް ހަތްސަތޭކަ އަށްޑިހަ) ރުފިޔާއެވެ. އެހެންކަމުން މިއީ 263،185،606 ރުފިޔާ ނުވަތަ 2 ގުނަ އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ދައުލަތުގެ ޓެކްސް އިދާރާއަށް އާމްދަނީގެ ގޮތުގައި 11 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މީގެތެރެއިން %3.4 އަކީ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ޑިޕާޗަރ ޓެކްސް ނަގާނީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާނީ 60 ޑޮލަރެވެ. މީގެ އިތުރުން ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނަގާއިރު ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނަގާނެއެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނަގާނެއެވެ.