ކުޅިވަރު

ރާއްޖޭގެ ފިރިހެން ވޮލީ ޓީމްވެސް ސެމީ ފައިނަލަށް


ގްރޫޕް ފަހު މެޗްގައި އަފްޤާނިސްތާން އަތުން ބަލިވި ނަމަވެސް ރާއްޖޭގެ
ފިރިހެން ވޮލީ ޓީމްވެސް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ. މިއަދު އަފްޤާނިސްތާނާ
ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ތިން ސެޓް ދެސެޓުންނެވެ. މިއާއެކު
ރާއްޖެއަށް ސެމީފައިނަލުން ފުރުސަތު ލިބުނީ މެޗް ފަސް ސެޓަށް ދިއުމުން ލިބުނު
ޕޮއިންޓާއެކުއެވެ.

 މިމެޗްގެ ފުރަތަމަ ސެޓް އަފްޤާނިސްތާން ހޯދީ 19-25 އިންނެވެ.
މެޗްގެ ދެވަނަ ސެޓް 18-25އިން ރާއްޖެ ހޯދިއިރު ތިންވަނަ ސެޓް ހޯދީވެސް
އަފްޤާނިސްތާނެވެ. ތިންވަނަ ސެޓް އަފްްޤާނިސްތާން ހޯދީ 20-25އިން ނެވެ. މެޗްގެ
ހަތަރުވަނަ ސެޓް ރާއްޖެ ކާމިޔާބުކޮށް ސެމީފައިނަލުން ޖާގަ ހޯދީ 19-25 އިން ސެޓް
ކާމިޔާބުކޮށްގެންނެވެ. މެޗްގެ ފަހު ސެޓް އަފްޤާނިސްތާން ޓީމް ކާމިޔާބުކުރީ 12-15
އިންނެވެ. 

މިމެޗްގައި މިދިޔަ އަހަރު މޯލްޑިވިއަން ރިކްރިއޭޝަން ޓީމަށް ކުޅުނު
އަފްޤާނިސްތާންގެ އޯމިދްގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިފައެވެ. މިގްރޫޕުން
އެއްވަނައިގައި ޕާކިސްތާން ސެމީފައިނަލުން ޖާގަ ހޯދިއިރު ރާއްޖެ ސެމީއަށް ދިޔައީ
ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. ސެމީފައިނަލްގައި ރާއްޖެ ވާދަކުރަން
ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ އިންޑިޔާއާ އެވެ. ސެމީފައިނަލުން ޖާގަ ހޯދުމަށްފަހު
ރާއްޖޭ ޤައުމީ ވޮލީ ޓީމްގެ ކޯޗް ސުންޓޮން ފޮސީޓާ ބުނީ ސެމީފައިނަލަށް ޓީމް
ގެންދެވުމުން ހިތްހަމަ ޖެހޭ ކަމަށާއި، މެޗްގެ ތިންވަނަ ސެޓް ގެއްލުމުން ޓީމަށް
ބަދަލުތަކެއް ގެނައި ކަމަށެވެ. އަދި އޭގެ ފައިދާ މިމެޗްގައި ކުރިކަމަށް ކޯޗް
ބުންޏެވެ.



" އަހަރެން ބުނިން ކުޅުންތެރިން ކައިރީ މެޗް ފަސް ސެޓަށް ގެންދާށޭ،
ހަތަރު ވަނަ ސެޓްގެއްލިއްޖިއްޔާ ފުރާށޭ ދާން ޖެހޭނީ. އެކުޅުންތެރިން ކުރި ހިތްވަރު
މިއަދު މިފެނުނީ." ރާއްޖޭ ޤައުމީ ވޮލީ ޓީމްގެ ކޯޗް ބުންޏެވެ.



ސެމީ ފައިނަލްގައި ރާއްޖެއާ އިންޑިޔާ ވާދަކުރާ މެޗް ފަށާނީ މާދަމާ ރާއްޖެ
ގަޑިން މެންދުރުފަހު ތިން ގަޑި ބައިގައެވެ.