މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސީޕްލޭން ޚިދުމަތް އެންމެ ބޮޑަށް ބޭނުންވާ ދެ ރަށެއް ކަނޑައަޅާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓްރީގެ މަސައްކަތްތާކާއި ގުޅޭގޮތުން ހޯމަ ދުވަހު ވަނީ މައުލޫމާތު ދެއްވާފައެވެ. މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ނޭޝަނަލް ސްޕެޝަލް ޕްލޭނާއި އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ސީޕްލޭން ޚިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
މިމަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރައްތަކުގެ ތެރެއިން ސީޕްލޭން ޚިދުމަތަށް އެންމެ ބޭނުންވެފައިވާ ދެ ރަށެއް ކަނޑައަޅާފައިވާކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މި ޚިދުމަތަށް ބޭނުންވާ ޓާމިނަލް އަދި ފްލޯޓިންގް ޕްލެޓްފޯމްތައް އަޅާނެ ސަރަހައްދުތައްވެސް ސަރުކާރުން ވަނީ ކަނޑައަޅާފއެވެ.
"ނޭޝަނަލް ސްޕެޝަލް ޕްލޭންގެ ދަށުން، ސީޕްލޭން ޚިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށްތައްވަނީ ކަނޑައެޅިފަ. [އެއީ] މުލި، އަދި މަކުނުދޫ. [މީގެ އިތުރުން] ސީޕްލޭން ޚިދުމަތައް ބޭނުންވާ ފްލޯޓިން ޕްލެޓްފޯމް، އޮގްޒިލަރީ ޚިދުމަތް ޤާއިމު ކުރާ ސަރަހައްދުތައް ވަނީ ކަނޑައެޅިފަ. ސަރުކާރުގެ ޕޮލިސީއަކީ 30 މިނެޓުގެ ރޭޑިއަސް އެއްގެ ތެރޭ މި ވަޢުދު ފުއްދުން. " ޓްރާންސްޕޯޓް މިނިސްޓްރީގެ އަހަރީ ރިޕޯޓު ހުށަހަޅުއްވަމުން އެސިސްޓެންޓް ޑިރެކްޓަރ ހުސެއިން ނަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ނޭޝަނަލް ސްޕެޝަލް ޕްލޭނާއި އެއްގޮތަށް ރާއްޖޭގެ ރަށްތައް ގުޅުވާލުމަށް ތަފާތު ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މީގެ ތެރެއިން ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ ކަނޑުގެ ޒަރީއްޔާއިން އެއް ނެޓްވޯކެއްގެ ތެރެއިން ރާއްޖޭގެ ރަށްތައް ގުޅުވާލުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ރާއްޖޭގެ ރަށްތަކަށް ސީޕްލޭން ޚިދުމަތް ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ނެޓްވޯކް އަދި ޚިދުމަތް ދެމުން އަންނަނީ ރާއްޖޭގައެވެ. ނަމަވެސް މިޚިދުމަތުން މިހާތަނަށް ގުޅުވާލެވިފައިވަނީ މާލެ އެއަރޕޯޓާއި ރާއްޖޭގެ ރިސޯޓުތަކެވެ.