ކުޅިވަރު

ލަންކާ ބަލިކޮށް ރާއްޖެ ސެމީއާ ގާތަށް


ލަންކާ ބަލިކޮށް ސައުތު އޭޝިއަން ގޭމްސްގެ ސެމީފައިނަލާ ގާތަށް ރާއްޖޭގެ
ޒުވާން ފުޓްބޯޅަ ޓީމް ޖެހިލައިފިއެވެ. މިއަދު ގުވަހަޓީގައި ކުޅުނު މިމެޗް ރާއްޖެ
ކާމިޔާބުކުރީ ތިންލަނޑު އެއްލަނޑުންނެވެ. 

މެޗްގެ ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅު
ރާއްޖެއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދުއެވެ. ދެވަނަ ދެލަނޑު
ފުރަތަމަ ހާފް ނިމުމުގެ ކުރިން ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހިމްއެވެ. ދެވަނަ
ހާފްގައި ރާއްޖޭގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަރަމުން އަންނަ ޒުވާން
ކުޅުންތެރިޔާ އަންސަރުއެވެ. ލަންކާއިން މެޗްގައި ލަނޑުޖެހީ އެޓީމަށް ލިބުނު
ޕެނަލްޓީއަކުން މުހައްމަދު ރިފްނާޝްއެވެ. 

މިނަތީޖާޔާއެކު ރާއްޖެއަށް ސެމީގެ
ފުރުސަތު ވަނި ވަރަށް ބޮޑުވެފައެވެ. ރާއްޖެ ހިމެނޭ ގްރޫޕްގައި ތިން ޓީމް
ހިމެނޭއިރު ރާއްޖެ ދެން ވާދަކުރަން ޖެހޭނީ އިންޑިޔާއާއެވެ. މިމެޗް
އެއްވަރުކޮށްލައިގެންވެސް ގްރޫޕްގެ އެއްވަނައިގައި ރާއްޖެއަށް ސެމީފައިނަލުން ޖާގަ
ލިބޭނެއެވެ. މެޗަށްފަހު ރާއްޖޭގެ ކޯޗް ރިކީ ހާބާޓް ބުނީ މިމެޗުގައި ރާއްޖޭގެ
ކުޅުންތެރިން ދެއްކި ކުޅުމަށް ތަޢުރީފްކުރާ ކަމަށެވެ.



" ޕްރެކްޓިސްއެއް ނެތި ގޭމްސްއަށް އައިސް ކުޅުންތެރިން ދެއްކީ ވަރަށް
މޮޅު ކުޅުމެއް. މިއަދު ތަފާތު ގޮަތަކަށް ކުޅުވީ. ގޭމް ތެރެއަށް ހޭނި ވަރަށް
ރަނގަޅު ކުޅުމެއް ކުޅުންތެރިން ދެއްކި." ކޯޗް ރިކީ ހާބާޓް ބުންޏެވެ.



މިއަދު ރާއްޖެ ޓީމުން ދެލަނޑު ޖެހި އަންސަރުއަށް ކޯޗް ވަރަށް ބޮޑަށް ތަޢުރީފް
ކުރިއެވެ. މިމެޗްގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތައް ރާއްޖެއިން ހޯދިއިރު މެޗް
ޑޮމިނޭޓްކޮށްގެން ކުޅުނީ މެޗް ރާއްޖެއެވެ. އިންޑިޔާއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ
ގޮތުން ކޯޗް ބުނީ ސަރަހައްދުގެ ޓީމްތައް ބަލިކުރަން ޖެހޭ ކަމަށާއި، ވަކި ޓީމަކާ
ބައްދަލްކުރަން ޖެހުމަކީ މައްސަލައެއް ނޫން ކަމަށެވެ.



"އިންޑިއާ އެއް ނޫން ސާފް ސަރަހައްދުގެ ބޭރުންވެސް ޓީމްތަކާ އެކު މެޗްތައް
ކުލެން އެބަޖެހޭ. އިންޑިއާ ބަލިކުރަންވެސް އެބަޖެހޭ. މިއީ ކުޅުންތެރިންނަށް
ފެށުމެއް" ކޯޗް ހާބާޓް ބުންޏެވެ. 

ގްރޫޕް ސްޓޭޖް ފަހު މެޗްގައި ރާއްޖެއާ
އިންޑިއާ ވާދަކުރާނީ މިމަހުގެ ދިހަ ވަނަ ދުވަހުއެވެ. އިންޑިއާ ގްރޫޕް ސްޓޭޖްގައި
ކުޅުނު ފުރަތަމަ މެޗުން ލަންކާ އަތުން ބަލިވީ އެއްލަނޑު ސުންލަނޑުންނެވެ.