އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ ބޯޑް ގަވަނާރސް ބައްދަލުވުމުގެ ސެމިނާރގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޒޫމް މެދުވެރިކޮށް އޮތް މި ސެމިނަރގެ މައުޟޫއަކީ "ރީއިމޭޖިނިންގ ޓޫރިޒަމް: ކަމިންގ ބެކް ފްރޮމް ދަ ބްރިންކް" މިމައުޟޫއެވެ. މި ސެމިނަރގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްގެ ވާހަކަފުޅު އަލިއަޅުވާލައްވާފައިވަނީ ކޯވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހާލަތައް ދިއުމާއި ގުޅޭގޮތުންނެވެ.
On 27 Sept Minister @Mausoom_Maus participated in the “Reimagining Tourism: Coming Back from the Brink” Seminar of the Asian Development Bank’s 55th Annual Meeting of the Board of Governors 2022. At the Seminar Dr. Mausoom gave the keynote speech on #Maldives tourism recovery. pic.twitter.com/u4dEqtFNto
— Ministry of Tourism (@MoTmv) September 28, 2022
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަކީ ޤައުމުގެ ޖީޑީޕީގެ %47 ކަމަށެވެ. އަދި ދައުލަތައް ލިބޭ އާމްދަނީގެ %46 އަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޯވިޑް-19 ޕެންޑަމިކްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ކޯވިޑް-19 އާއި ގުޅިގެން 27 މާރޗް 2020 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ނިންމެވުމާއިއެކު 15 ޖުލައި 2020 ގައި ރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވާލިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ފުރަތަމަ 2 މަހު ފަތުރުވެރިން އައި އަދަދު ދައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް އެއަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އައީ މަޑުމަޑުން ރަނގަޅު ވަމުން ކުރިން އޮތް ހާލަތައް ރުޖޫއަވަމުންނެވެ.
2021 ވަނަ އަހަރު ފެށުނުއިރު ރާއްޖޭގެ ފަތުރުވެރިކަން ހުރީ އިއާދަވެފައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަން އެހާ އަވަހަށް އިއާދަވުމުގެ އަސްލު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރި ފަރާތްތައް ކަމަށެވެ. މީގެއިތުރުން ރާއްޖެއަށް ތެދުވެރި ވަފާތެރި ފަތުރުވެރިން ގިނަވުމަކީވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހާލަތައް ގެންދިއުމަށް އެހީވެދިން ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަބަބަކީ ރާއްޖެއަކީ އެއްފަހަރަށްވުރެ ގިނަފަހަރު އަންނަ ފަތުރުވެރިން އިތުރުވުމެވެ.
މިނިސްޓަރ ވިދާޅުވީ، މިއަހަރު ރާއްޖޭގައި މުޅިން އަލަށް 10 ރިސޯޓް ހުޅުވިގެންދާނެކަމަށެވެ. އަދި މީގެތެރެއިން 3 ރިސޯޓް މިހާރު ވަނީ ހުޅުވިފައެވެ. އަދި އަންދާޒާއަކީ މީގެފަހުން ކޮންމެ އަހަރަކު ފަތުރުވެރިކަމަށް 8000 އެނދު ނެރުމެވެ.
މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާއިރު އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ގެނެސް 13 މިލިއަން ބެޑް ނައިޓްސް ހެދުމެވެ. އަދި މި އަމާޒު ހާސިލްވާނެކަމުގެ ޔަޤީންކަން މިހާރު ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަންނަ 2023 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފަނީ 2 މިލިއަން ފަތުރުވެރިންނެވެ. އަދި އެއަހަރުގެ ޓާގެޓަކީ 14.5 މިލިއަން ބެޑް ނައިޓްސް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ކޯވިޑް-19 އާއިއެކު އިޤްތިޞާދީ ހަރަކާތްތައް ނުހުއްޓި ކުރިއަށްގެންދިއުމަށް މި ސަރުކާރުން ކުރި މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށާއި ސިނާއަތުގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ އަންނަ އަހަރާއި ކުރިމަތިލާނީ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންއާއި އެކުގައިކަން ފާހަގަކުރައްވާފައެވެ. މި މާސްޓަރ ޕްލޭންގެ ތެރެއިން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވިގެން ދާނެއެވެ.