ޚަބަރު

ޒަމާނީ ޓެކްނޮލޮޖީގެ ދުނިޔެއަށް ދިވެހިން ގެންގޮސްދިން ދިރާގަށް 34 އަހަރު


ރާއްޖޭގެ މުއާޞަލާތީ ސިނާއަތް ފަށައިދިން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، ދިރާގަކީ ރާއްޖޭގެ އެންމެ ފުރަތަމަ މުވާސަލާތީ ޙިދުމަތް ފޯރުކޮށްދޭން ފެށި ކުންފުންޏަށްވާއިރު ރަސްމީކޮށް ދިރާގުގެ ޙިދުމަތް ދޭންފެށީ 1988 ވަނަ އަހަރުއެވެ. ދިރާގުގެ ހިދުމަތަށް 34 އަަހަރު މިއަދު ފުރުން ފާހަގަކުރަމުންދާއިރު ދިރާގަކީ މިއަދު ދިވެހިން މިދެކޭ ޒަމާނީ ޓެކްނޮލޮޖީގެ ވަރަށް މުހިއްމު ބައިވެރިއެކެވެ.

ދިރާގުގެ %52 ހިއްސާއަކީ ބީޓީސީ އައިލެންޑްސް ލިމިޓެޑްގެ ހިއްސާއެވެ. އަދި ދިވެހި ސަރުކާރުގެ %41.8 ހިއްސާއޮތްއިރު ބާކީ %6.2 ހިއްސާއަކީ އާންމު ރައްޔިތުންގެ ހިއްސާއެވެ.

ޙިދުމަތުގެ 34 އަހަރު ދިރާގުން ފާހަގަކުރާއިރު، ފާއިތުވި 34 އަހަރުދުވަހުގެ ތެރޭގައި ދިރާގުން ވަނީ ކުންފުނީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ދިރާގުގެ 34 އަހަރުގެ ހަޔާތުގައި ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.

އެކުންފުނީގެ ފުރަތަމަ 10 އަހަރުދުވަހުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށެއް ފޯނުގެ ޚިދުމަތުން ގުޅާލަން ކަނޑައެޅި ލަނޑުދަނޑި ހާސިލްވުމަކީ، ދިވެހިންގެ ޢާންމު ދިރިއުޅުމަށް އެކުންފުނިން ގެނެސްދިން ބޮޑު އިންގިލާބެކެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ޤައުމަކަށް މުވާސަލާތީ ޚިދުމަތް ދިނުމަށް ޤާއިމުރަންޖެހޭ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ދިރާގުންވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީކުޑަ ރަށްތަކަށްވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ޤާއިމުކޮށްފައެވެ.

ދިރާގުން ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް 1253 ކިލޯމީޓަރ ގެ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލަކުން ގުޅައިދީފައިއެވެ. މިއީ މި ގޮތަށް ރާއްޖޭގައި ފުރަތަމަ އެޅި ކޭބަލްވެސްމެއެވެ. މި ކޭބަލްގެ ސަބަބުން ހައި ސްޕީޑް މުވާސަލާތުގެ އެތައް ކަމެއް މުޅިރާއްޖެއަށް މަގުފަހިވެ ރާއްޖޭގެ އިޤްތިސާދީ ދުވެއްޔަށް ހަލުވިކަމެއް ގެނެސްދިނެވެ.

ދިރާގުގެ 34 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު މިދިޔަ ދެ އަހަރު ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގައިވެސް ދިރާގުން ވަނީ ޤައުމީ ކުންފުނީގެ ހައިސިއްޔަތުން ނަމޫނާ ދައްކާފައެވެ. ކޯވިޑް19ގެ ހާލަތުގައި ދިރާގުން ވަނީ މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ އިންޓަނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ހޯމް ބްރޯޑްބޭންޑު ޙިދުމަތާއި، މޮބައިލް އިންޓަނެޓް ޕެކޭޖްތަކުގެ އަގުތައްވެސް ކުޑަކޮށްދިނެވެ.

އިންޓަނެޓަށް ބާރޯސާވެފައިވާ މިންވަރާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އިންވެސްޓްމެންޓްތައް އިތުރުކޮށްފައެވެ.

ދިރާގުގެ މެނޭޖްމަންޓުން ގަބޫލުކުރާގޮތުގައި ދިރާގުން ހޯދަމުންދާ ކާމިޔާބީގެ ސިއްރަކީ މުވައްޒަފުންގެ ބުރަ މަސައްކަތާއި ޤައުމީ ލޯބި ކަމަށެވެ. އަދި ކަސްޓަމަރުންގެ ތަރުޙީބަކީވެސް އެކުންފުންޏަށް އިތުރު ކުރިިއެރުން ލިބޭ ސަބަބެއްކަމަށް ދިރާގުން ބުނެއެވެ. ދިރާގުގެ ޚިދުމަތްތައް ކުރިއަރުވަން ކުރާ މަސައްކަތުގެ ދަށުން ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ސަބްމެރިން ކޭބަލްއެއް އަޅާފައިވާއިރު އިންޓަރނެޓްގެ ސްޕީޑުގެ ހަލުވި ކުރުމަށް ދެވަނަ ސަބްމެރިން ކޭބަލްއެއްވެސް ވަނީ އަޅާފައެވެ.

މުއާޞަލާތީ ރޮނގުން މުޅި އޭޝިއާ ސަރަޙައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. އެގޮތުން އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީތައް ރާއްޖެއަށް ތައާރަފްކޮށް ދަނީ ބޭނުންކުރަމުންނެވެ.

ދިރާގަކީ ހަމައެކަނި މުއާޞަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ނޫނެވެ. ދިރާގުގެ އިޖުތިމާޢީ ޒިންމާ ނުވަތަ "ސީ.އެސް.އާރް"ގެ ދަށުން ދަނީ ކުޑަކުދިންނާއި، ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މުޖްތަމަޢުގެ ގުޅުން ދެމެހެއްޓުމަށް ތަފާތު އެކި މަސައްކަތްތައް ދިރާގުން ކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ޤައުމީ އެކި ކަންކަމާއި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ވަގުތު އެފަދަ އެހީތެރިކަން ދިރާގުގެ ފަރާތުން އަބަދުވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ދިރާގަށް މިއަދު 34 އަހަރު ފުރިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މުއާޞަލާތީ ތަރައްޤީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަދި ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ދިރާގު ދެމި އޮންނާނެކަމުގެ ޔަޤީންކަން އެ ކުންފުނިންދެއެވެ.