މާލޭގެ ވިޔަފާރި ބަނދަރުތަކުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 300 ކޮންޓެއިނަރުގެ މުދާ ކްލިއަރ ކުރެވޭކަމަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން މިހެން ވިދާޅުވީ އެކުންފުނީގެ 3 ވަނަ ކުއާޓަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައެވެ.
އެމްޕީއެލް ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިއަހަރުގެ 3 ވަނަ ކުއާޓަރު ނުވަތަ ޖުލައިން އޮގަސްޓަށް ހިނގި މުއްދަތުގައި އެމްޕީއެލްއަށް ކްލިއަރކުރި މުދަލުގެ މިންވަރު ވަަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.
"މީގެން މިދައްކައިދެނީ ކޯވިޑްގެ ހާލަތަށްފަހު ރާޢްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަ މިންވަރު. ކޯވިޑްގެ ހާލަތާއި އެއްކޮށް ކާގޯ ވޮލިއުމް 2019 އިން ފެށިގެން ވަރަށް ދައްވި. ގާތްގަނޑަކަށް 50 އިންސައްތަ ދަށްވެފައި. 2020 ވަނަ އަހަރުގެ ފަހުންކޮޅުން ފެށިގެން 2021 ވަނަ އަހުރުގެ ކުރީކޮޅު މަޑުމަޑުން ރިކަވާ ވަމުން އައިސް، މިހާރު 2022 ވަނަ އަހަރުގެ މިހާތަނަށް މިފެނުނީ ހަމަ ފުދޭ ވަރަކަށް ބޮޑަށް ކާރގޯ ވޮލިއުމް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިހާރު މަހަކު 9000 ކޮންޓެއިނަރ ކްލިއަރކުރެވޭއިރު، މިއީ 2021 ވަނަ އަހަރު މަހަކު ކްލިއަރކުރެވޭ 7000 ކޮންޓެއިނަރއާ އަޅާބަލާއިރު ބޮޑު އިތުރުވުމެއްކަމަށެވެ.
"މިހާރު މަހަކު އެބައުޅޭ އަޅުގަނޑުމެންގެ ކޮންޓެއިނާރތައް 9000 ގައި. އޭގެ މާނައަކީ ކޮންޓެއިނާ އެތެރެވެ ބޭރުވާ ޖުމްލަ އަދަދު، 20 ފޫޓުގެ 9000 ކޮންޓެއިނަރ އެބައުޅޭ. އެހެންވީމަ އެވަރެޖްކޮށް މަހަކު 2000 ކޮންއިނަރގެ ކުރިއެރުމެއް އެބައުޅޭ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކްލިއަރިން އޮޕަރޭޝްނަތަކަށް ބަލާއިރުވެސް، 2021 ވަނަ އަހަރު އެވްރެޖްކޮށް ދުވާލަކުު 200 ކޮންޓެއިނަރ ކްލިއަރކުރެވުނުނަމަވެސް، މިހާރު އެވްރެޖްކޮށް ދުވާލަކު 300 ކޮންޓެއިނަރ މާލެއާއި ހުޅުމާލެއިން ކްލިއަރކުރާކަމަށެވެ.
"މިހާރު މާލެ އަދި ހުޅުމާލެއިން ދުވާލަކު 300 އަށްވުރެ ގިނަ ކޮންޓެއިނަރ ކްލިއަރ ކުރެވޭ. އެހެންވީމަ މައިގަނޑު ގޮތެއްގައި ފުދޭވަރަކަށް ބާރު ބޮޑުކޮށް މިދަނީ ޕޯޓްގެ އޮޕަރޭޝަންސް. އެވަރެޖްކޮށް 4 ކޮންޓެއިނަރ ބޯޓު އެބައޮވޭ ބަނަދަރުގައި. އެއްފަހަރާ އޮޕަރޭޝަން ހިނަގަންޖެހޭ ގޮތަށް މަސްއަކަތް މިދަނީ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމްޕީއެލްއަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"ބައެއް ސަރަހައްދުތައް އޭރިއާތަކުގަ ޕޭވިންގެ ބޮޑުކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދަން. އެއީ ބިންގަނޑު ލެވަލްކޮށް ގާ އަތުރާ ޕޭވްކުރުމުގެ މަސައްކަތް. އެތަންތަން ނިމުނީމަ އަޅުގަނޑުމެންނަށް އިތުރު ޖާގަ ކޮންމެސް ވަރަކަށް އިތުރުވެގެންދާނެ. އަދި ޔާޑު ތެރޭގައިވެސް އަޑިގުޑަން ހުރި ތަންތަން ރިޕެއަރ ކުރުމުގެ މަސައްކަތްވެސް އެބަ ކުރިއަށް ގެންދަން. އޭގެ ސަބަުންވެސް ކޮނަޓެއިނަރ ޖެއްސުން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އިތުރުކުރެވޭނެ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމްޕީއެލްގެ މަސައްކަތްތަކަށް ބޭނުންވާ އިތުރު އިތުރު އިކުއިޕްމަންޓްތައްވެސް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރާ ސްޓާފުންގެ ދަތިކަންވެސް އުޅޭކަމަށާއި، އެކަމަށްވެސް މަސައްކަތްތައް ކުރަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.