ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިން މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިންގ ސިޓީގައި ހުންނާނެ ގެތަކުގެ ތެރެއިން ގެއެއް ދައްކާލައިފިއެވެ.
ފްލޯޓިން ސިޓީ ތަރައްޤީކުރަމުންދަނީ މާލެ އަތޮޅު އާރަށް ކައިރީ އޮންނަ ފަޅެއްގައެވެ. މާލެއިން ފްލޯޓިންގ ސިޓީއަށް ލޯންޗުގައި 10 މިނެޓުން ދެވޭނެއެވެ.
މިދިޔަ ފެބްރުއަރީމަހުގެތެރޭ ފްލޯޓިންގ ސިޓީގެ ފުރަތަމަ ގެތައް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. އަދި ހަމަ އެމަހު ނަމޫނާ ގެތައް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫޢުގެ ދިވެހި ކޮންސަލްޓަންޓް އިބްރާހީމް ރިޔާޒް މިއަދު ވަނީ ފްލޯޓިންގ ސިޓީގެ ނަމޫނާ ގެއެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ. އަދި މޫސުން ރަނގަޅުވުމުން މީޑިއާ އާއި އާއްމުންނަށް އެތަން އާއްމުކޮށް ދައްކާލާނެކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ފްލޯޓިން ސިޓީގެ ނަމޫނާ ގެތަކެއް އާއްމުންނަށް ދައްކާލުމުގެ މަސައްކަތް ލަސްވަމުންދަނީ މޫސުން އޮންނަ ގޮތުގެ ސަބަބުންކަމަށެވެ.
ނަމޫނާ އެއްގެގޮތުގައި ފުރަތަމަ ދައްކާލުމަށް ހަމަޖެހިފައިވަނީ ފްލޯޓިން ސިޓީގެ މަގެކެވެ. އެ މަގުގެ ދެ ފަރާތުގައި ގެތައް ހުންނާނެ ކަމަށާއި، މަގުގައި ގަސްތައް ހުންނާނެކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ފްލޯޓިންގ ސިޓީގެ ގެތައް އިމާރާތްކޮށްފައިވަނީ ފްލޯޓިން ސިޓީ ތަރައްޤީކުރާ ސަރަޙައްދާ 45 މިނެޓު ދުރުގައި އޮންނަ ރަށެއްގެ ފަޅުތެރޭގައި ކަމަށެވެ. އެހެންކަމުން އެތަނުން ގެތައް ފްލޯޓިން ސިޓީއަށް ގެންދިޔުމަށް ކުރަން ޖެހޭ ދަތުރުގައި ގިނަ ކަންތައްތަކަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
" ވައިގެ ސްޕީޑު ހުންނަން ޖެހެނީ 30 ނޯޓްސްއަށްވުރެ ދަށުގައި، އޭރުން ވޫމް ކުރެވޭނީ، ރިކޮމެންޑޭޝަން ލިބިފަ އިނީ އެގޮތަށް، ސަލާމަތީ ސަބަބުތަކަށްޓަކައި،" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ މިހާރު މައުލޫމާތުތައް ލިބޭ ގޮތުގައި ވައި މަޑުވެ، އަންނަ ހަފްތާތެރޭ ގެތައް ފްލޯޓިން ސިޓީ ތަރައްޤީކުރާ ފަޅަށް ގެންދިޔުމުގެ މަސައްކަތްކުރެވޭނެ ކަމަށާއި، ގެތައް އެތަނަށް ގެންދާތާ 3 ދުވަސްތެރޭ އެތަން އާއްމުންނަށް ދައްކާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ރިޔާޒް ވިދާޅުވީ ގެތައް ފްލޯޓިން ސިޓީ ތަރައްޤީކުރާ ފަޅަށް ގެނައުމަށްފަހު ނަގިލިތަކެއް ބޭނުންކޮށްގެން ސްޓޭބަލް ކުރެވޭނެ ކަމަށެވެ. އަދި އެތަނުގައި ގެތައް އިންސްޓޯލްކުރުމަށްފަހު މޫސުން ގޯސްވި ނަމަވެސް ގެތައް އޭގެ އަސަރެއް ނުކުރާނެ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ފްލޯޓިން ސިޓީ ތަރައްޤީކުރަނީ 20000 މީހުންގެ އާބާދީއަކަށް އަމާޒްކޮށެވެ. ފްލޯޓިންގ ސިޓީ އަޅާއިރު މުޅިންވެސް ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކެއް ބޭނުން ކުރެވޭނެއެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.