ޚަބަރު

ރާއްޖޭގައި މުޅިން އަލަށް ކޮމިއުނިޓީ ފާމިންގ


ދަނޑުވެރިކަން ޒަމާނީ ފެންވަރެއްގައިކުރުމަށް އެގްރޯނެޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ.ކާށިދޫގައި ކޮމިއުނިޓީ ފާރމިންގ އިފްތިތާހުކޮށްފިއެވެ.

ކޮމިއުނިޓީ ފާރމިންގ ކ.ކާށިދޫގައި އިފްތިތާހްކޮށްފައިވަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.

ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމަކީ ރާއްޖެއަށް މުޅިން އައު ކޮންސެޕްޓެކެވެ. މިއީ ޒަމާނީ ފެންވަރެއްގައި ދަނޑުވެރިކަން ކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ޕްރޮގާރާމްކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެެއްވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމް ކުރިއަށްގެންދަނީ ރާއްޖޭގެ ބިން ބޮޑެތި ރަށްތަކުގައިކަމަށެވެ. އެގޮތުން އެރަށްރަށުން 1 ލައްކަ އަކަފޫޓުގެ ބިން ހޯދުމަށްފަހުގައި އެތަން ތަރައްޤީކުރަނީ އެގްރޯނެޓުގެ ޚަރަދުގައިކަމަށް އޭނާ ވިދާޅުވިއެވެ.

އެގްރޯނެޓުން އެތަން ތަރައްޤީކުރުމަށްފަހުގައި އެތަނުގައި ޤާއިމްކުރަނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްތަކެވެ. އޭގެތެރޭގައި ވަރޓިކަލް ފާމިންއާއި، އިރިގޭޝަން ސިސްޓަމް ހިމެނޭކަމަށް ހާރޫން ވިދާޅުވިއެވެ. އަދި ތިމާވެއްޓާއި ރައްޓެހި، ޒަމާޏީ ފެންވަރެއްގައި މިކަން ކުރުމުގެ ގޮތުން، މި ދަނޑުތަކުގައި މަސައްކަތް ކުރެވޭނީ، އަވިން ހަކަތަ އުަފައްދައިގެންކަމަށް ހާރޫން ފާހަގަކުރެއްވިއެވެ.

"ކޮންޓްރެކްޓް ފާމިންގ އާއި ޙިލާފަށް ކޮމިއުނިޓީ ފާމިންގ ފަސޭހަވާނެ. ވަޒީފާގައި އުޅޭ ފަރާތްތައް ނުވަތަ އެހެން މަސައްކަތްތައް ކުރާ ފަރާތްތަަކަށްވެސް، އާންމުކޮށް ދަންޑުވެރިކަން ކުރާ އުސޫލުން އެގޮތައް ހޭދަ ކުރަންޖެހޭ ވަގުތު ހޭދަކުރާކަށް ނުޖެހޭނެ. އެއަށްވުރެ ބޮޑަށް އޮޓަމޭޓް ކުރެވިފަ ހުންނަ ނިޒާމެއްގެ ތެރޭގައި މި މަސައްކަތް ކުރަނީ" ހާރޫން ވިދާޅުވިއެވެ.

އެގްރޯ ނެޓުން ކޮމިއުނިޓީ ފާމިންގ ރަށްރަށުގައި ހިންގާ މަޤްސަދަކީ ދިވެހިރާއްޖޭގައި ކުރާ ދަނޑުވެރިކަން ކުރިއަރުވައި، އެހެން ހަރުފަތަކަށް ގެންދިއުންކަމަށް ހާރުން ވިދާޅުވެއެވެ.

ހާރޫން ވިދާޅުވީ ކ.ކާށިދޫ ކައުންސިލާއެކު ބިމުގެ ކޮންޓްރެކްޓް ހެދިފައިވާކަމަށެވެ. އަދި ދެން ކުރިއަށްއޮތީ ދަންޑުވެރިން ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމަތައް ކުރިއަށް ގެންދިއުންކަމަށް ހާރޫން ވިދާޅުވިއެވެ.

މިއީ ކޮމިއުނިޓީ ފާރމިންގ ރާއްޖޭގައި ތައާރަފްކުރެވޭ ފުރަތަމަ ފަހަރެވެ. މި މަޝްރޫޢުއާއެކު، ދަންޑުވެރިން އުފައްދާ ބާވަތްތައް މިހާރަށް ވުރެ ބޮޑަށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެގްރޯނެޓުން ޤަބޫލުކުރެއެވެ.