ވިޔަފާރި

ޤައުމީ އެއަރލައިނަށް ދިގު ދަތުރުތަކުގައި ބޭނުންކުރެވޭނެ މަތިންދާބޯޓެއް ހޯދަނީ


ދިގު ދަތުރުތަކުގައި ބޭނުންކުރެވޭ މަތިންދާ ބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް އައިލެންޑު އޭވިއޭޝަނުން ފަށައިފިއެވެ.

މި ބޯޓު ހޯދަމުންދަނީ މޯލްޑިވިއަންގެ ފްލީޓްގައި އޮތް އެންމެ ބޮޑު ބޯޓު ދޫކޮށްލުމަށްފަހުއެވެ. 20 ޖަނަވަރީ 2015 ގައި ގެނައި މި ބޯޓު ދޫކޮށްލަނީ ކުއްޔަށް ނަގާފައިވާ މުއްދަތު ހަމަވާތީއާއި އެ ބޯޓު ވަރަށް ގިނަދުވަސްވެފައިވާ ބޯޓަކަށްވުމާއެކު އޭގެ މެއިންޓަނަންސް ފީއަށް ބޮޑު ހޭދައެއް ކުރަންޖެހޭތީކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.

ދިގު ދަތުރުތަކުގައި ބޭނުންކުރެވޭ މަތިންދާ ބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން އައިލެންޑު އޭވިއޭޝަނުން މިހާރު ވަނީ އިޢުލާންކޮށްފައެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާ ވިދާޅުވީ، އުއްމީދަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި އައު ބޯޓު ރާއްޖެއަށް ގެނައުން ކަމަށެވެ. އަދި މި ބޯޓާއި އެކު މޯލްޑިވިއަންގެ ދަތުރުތައް އިތުރު މަންޒިލްތަކަށް ފެށިގެންދާނެކަމަށް ޖެނިފާ ވިދާޅުވިއެވެ.

"ބިޒްނަސް ޕްލޭންގައި އޮންނާނެ، ޔޫރަޕްގެ އެކި ޤައުމުތަކަށް ދަތުރުކުރުންވެސް، މި ހޯދަނީ ލޯންގް ރޭންޖު އެއަރ ކްރާފްޓެއް، އެހެންވީމައި އެއްވެސް ދައްޗަކާއި ނުލާ ޕްލޭންގައި ހުރި މަންޒިލްތަކަށް ދަތުރުކުރެވޭނެ" ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ އައު ބޯޓާއެކު މޯލްޑިވިއަންގެ ދަތުރުތަކަށް ގިނަ ކުރިއެރުންތަކެއްވެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެހެން އެއަރލައިންތަކާއި ވާދަވެރި މާހައުލެއްގައި ދަތުރުތައް ކުރެވޭނެކަންވެސް ޖެނިފާ ވިދަޅުވިއެވެ.

"މިހާރު ގެންގުޅޭ ބޯޓުތައް ޗައިނާއަށް ދަތުރުކުރި އިރުވެސް ޖެހެނީ ޓެކްނިލް ސްޓޮޕެއް ހަދަން، އެހެންވީމަ ވާދަވެރިކޮށް މިކަން ކުރަން ގޮންޖެހުންތަކެއް ހުރޭ، އަލަށް ގެންނަ ބޯޓުތަކާއި އެކު މިގޮތަށް ޓެކްނިކަލް ސްޓޮޕްތައް ކުރަން ނުޖެހޭނެ،" ޖެނިފާ ވިދާޅުވިއެވެ.

އައިލެންޑު އޭވިއޭޝަނުން ބޯޓެއް ހޯދުމަށްކޮށްފައިވާ އިޢުލާންގައިވާގޮތުން އިކޮނޮމީ އަދި ބިޒްނަސް ކްލާސްގެ ސީޓުތައް ހުންނަން ޖެހެއެވެ. އެގޮތުން ބިޒްނަސް ކްލާސްގެ 12 ގޮނޑި ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެެ. އަދި ކުއްޔަށް ބޯޓު ނަގާނީ 8 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ބުނެފައިވެއެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23 ބޯޓެއް އެބައޮތެވެ. މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ.