ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށްޓަކައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފްރީޑައިވް ޙަރަކާތް "ނޭވާ 2" އަށް ގިނިސް ވޯލްޑް ރިކޯޑް ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އެވޯޑް ހަވާލުކޮށްފައިވަނީ "ނޭވާ 2" ފްރީ ޑައިވިންގެ ރިކޯޑާއި ގުޅިގެން ބޭއްވި ގާލާ ޑިނަރ ނައިޓްގައެވެ. މި އެވޯޑް ރާޢްޖެއަށް ހަވާލުކޮށްދެއްވީ ގިނިސް ރެޕްރެޒެންޓޭޓިވް ސުވަކްނިލް ދަންރިކާއެވެ. އަދި އެވޯޑާ ރާއްޖެއިން ހަވާލުވީ ފްރީޑައިވް އެޕް މޯލްޑިވްސްގެ ފައުންޑަރ ފަހުދު ފާއިޒްއެވެ.
ރާއްޖެއިން ޤާއިމުކުރި"ފްރީޑައިވް ވޯރލްޑް ރިކޯޑް" ގިނިސް ވޯރލްޑް ރިކޯޑް ފޮތުގައި ރަސްމީކޮށް ހިމަނާފައިވަނީ 2019 ވަނައަހަރުއެވެ. މި ރިކޯޑު ރާއްޖެއިން ޤާއިމްކުރީ 521 ޑައިވަރުންނާއެކުއެވެ. ގިނިސް ވޯރލްޑް ރިކޯޑް ފޮތުގައި ހިމެނުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުވެސް ވަނީ މިފަދަ ޑައިވްއެއް ކުރިއަށް ގެންގޮސްފައެވެ. މި ޑައިވްގައި މިފަހަރު 452 ޑައިވަރުން ފުރިހަމަކުރިއެވެ.
މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ކުރިއަށްގެންދިޔަ "ނޭވާ 2" ފްރީ ޑައިވިންގެ ރިކޯޑާއި ގުޅިގެން ބޭއްވި ގާލާ ޑިނަރ ނައިޓްގައި ވަނީ މިހަރަކާތުގައި ބައިވެރިވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ޢާއިލާއަށް ހަނދާނީ ފިލާއާއި އެވޯޑް އަރުވާފައެވެ. ހަނދާނީ ފިލާއާއި އެވޯޑާ ހަވާލުވެލެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއެވެ. މީގެ އިތުރަށް މިޑިނަރ ނައިޓްގައި ވަނީ މި ހަރަކާތް ކުރިއަށްގެންދިޔުމުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށްވެސް ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.
މި ޑިނަރ ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ ނޭވާ 2 އަކީ ރެކޯޑެއްގެ އިތުރަށް ތިމާވެށި ހިމާޔަތް ކުރުމަށް ދެވޭ މުހިއްމު މެސެޖެއްކަމަށެވެ. ޚާއްސަގޮތެއްގައި ރާއްޖެ ފަދަ ޤައުމުތަކަށް ތިމާވެށި ރައްކާތެރި ކުރުމަކީ މުހިއްމުކަމަކަށްވާއިރު މިފަދަ ހަރަކާތްތަކުން އެކަމަށްވެސް އެހީތެރިކަމެއް ލިބިގެންދާކަމަށެވެ.
"ފްރީޑައިވް މޯލްޑިވްސް"އިން އިންތިޒާމުކުރި "ނޭވާ 2" ޙަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ރާއްޖޭގެ ނަން "ގިނީސް ވޯލްޑް ރެކޯޑް" ފޮތަށް އެރުވުމަށް ހިންގި ބޮޑު ހަރަކާތެކެވެ. މިޙަރަކާތް ރާއްޖޭގެ 12 ރިސޯޓެއްގައި އެއްވަގުތެއްގައިވަނީ ކުރިއަށްގެންގޮސްފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިފަރާތްތައް ހިމެނޭހެން 459 މީހަކު ބައިވެރިވެފައިވާއިރު ރިކޯޑުގައި ހަމަޖެހިފައިވާ ގައިޑްލައިންގައިވާ ގޮތަށް އެއް މިނިޓު ތިރީސް ސިކުންތު ކަނޑު އަޑީގައި ހިފަހައްޓާލެވުނީ 452 މީހަކަށެވެ. މިއާއެކު "ގިނީސް ވޯލްޑް ރެކޯޑް"އިން ކަނޑައަޅާފައިވާ މިންގަނޑުން ރާއްޖެ މިވަނީ އެންމެ ގިނަ މީހުން އެއްފަހަރާ، އެއް ވަގުތެއްގައި ކަނޑުއަޑީގައި ވަކިވަގުތެއް ހަމަވަންދެން ނޭވާ ހިފަހައްޓާލައިގެން ޤާއިމްކުރުމުގެ ރެކޯޑް ޤާއިމްކޮށްފައެވެ.