ޚަބަރު

ދައުލަތަށް ލިބުނު އާމްދަނީ %38.8 އިތުރުވެއްޖެ


މިއަހަރުގެ މިހާތަނަށް، ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 38.8 އިންސައްތަ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ އެކަކުން އޮކްޓޯބަރުމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތަށް 21.6 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 15.5 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު، 38.8 އިންސައްތަ އިތުރު އަދަދެެކެވެ.

ދައުލަތަށް ލިބޭ ޢާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްއިން ލިބޭ ޢާމްދަނީ އާއި ޓެކްސް ނޫން ގޮތްގޮތަށް ލިބޭ އާމްދަނީއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް، ޓެކްސް ޢާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 11.3 ބިލިއަން ރުފިޔާއެވެ.

ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީން 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 7.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށްވަނީ 5.9 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެތެރޭގައި ހިމެނެނީ އެއަރޕޯޓު ޑިވެލޮޕްމަންޓު ފީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ޑިވިޑެންޓާއި، ޕްރޮޕަރޓީ އިންކަމް ފަދަ އާމްދަނީތަކެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް 21.6 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާއިރު، އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 32.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކޯވިޑް-19ގެ ކުރީގެ އިގުތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 32.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، މިއީ މިއަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާއެވެ.