އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވަނީ ވިޔަފާރީގެ ދާއިރާއަށާއި ފަތުރުވެރިކަމުގެ ދާއިރާއަށްކަމަށް އެ ކޯރަޕޭޝަނުން ހާމަކޮށްފިއެވެ.
އެސްޑީއެފްސީއަކީ މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނިން ދޫކުރާ ލޯންތަކަށް ރަށުގައި ތިބެގެން އޮންލައިންކޮށްވެސް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.
އެސްޑީއެފްސީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 1023 ލޯނު ދޫކޮށްފައިވާއިރު، މިއީ 947 މިލިއަން ރުފިޔާގެ ލޯނެވެ.
އެސްޑީއެފްސީން ދަނީ މައިގަނޑު 8 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ.
-ދަނޑުވެރިކަމުގެ ދާއިރާއިން - 10 ލޯން – 6.5 މިލިިއަން ރުފިޔާ
-ވިޔަފާރީގެ ދާއިރާ – 432 ލޯން - 287 މިލިއަން ރުފިޔާ
-އިމާރަތްކުރުމުގެ ދާއިރާ – 48 ލޯން – 39 މިލިއަން ރުފިޔާ
-މަސްވެރިކަމުގެ ދާއިރާ – 142 ލޯން – 271 މިލިއަން ރުފިޔާ
-އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާ – 11 ލޯން- 8.8 މިލިއަން ރުފިޔާ
-މެނުފެކްޗަރިންގ ދާއިރާ- 98 ލޯން – 68 މިލިއަން ރުފިޔާ
-ފަތުރުވެރިކަމުގެ ދާއިރާ – 202 ލޯން – 242 މިލިއަން ރުފިޔާ
-ދަތުރުފަތުރުކުރުމުގެ ދާއިރާ – 89 ލޯން – 107 މިލިއަން ރުފިޔާ
އެސްޑީއެފްސީން މައުލޫމާތުދޭގޮތުގައި 1023 ލޯން ދޫކޮށްފައިވާއިރު، މިހާތަނަށް 1119 ލޯނެއް ދޫކުރުމަށް ވަނީ އެޕްރޫވްކޮށްފައެވެ. މިއީ 1.3 ބިލިއަން ރުފިޔާއެވެ.
ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޭންކެއް އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.
އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމު ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.