މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، %24.6 އިތުރުވެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާއިން އާއްމުކޮށްފައިވާ މިދިޔަމަހު އާމްދަނީގެ ރިޕޯޓުގައިވާގޮތުން، އެމަހު މީރާއަށް 1.25 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %24.6 އިތުރު އަދަދެކެވެ. އަދި އޮކްޓޫބަރުމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %28.5 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮކްޓޫބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮކްޓޫބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މިގޮތުން، އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ ވަނީ އިތުރުވެފައެވެ. ނަމަވެސް، ސެޕްޓެމްބަރ 2021 އާއި އަޅައިބަލާއިރު، ސެޕްޓެމްބަރ 2022 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %2.5 ދަށްވެފައިވާކަން މީރާއިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮކްޓޫބަރުމަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. އަދި 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން އޮކްޓޫބަރު މަހުގައި މި ސުންގަޑި އައިސްފައިވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.
އޮކްޓޫބަރު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57.4 ނުވަތަ 716.47 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ ޖުމްލަ އާމްދަނީގެ %10.3 ނުވަތަ 127.97 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 100.51 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 67.98 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 64.67 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 170.71 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އޮކްޓޫބަރު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.