ޚަބަރު

އަމާޒާއި ގާތަށް، އަހަރުގެ މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނާއި އަޅާ ބަލާއިރު 31.2 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށްވަނީ 1069021 ފަތުރުވެރިން އައިސްފައެވެ.

އަދި މިއީ ކޯވިޑުގެ ކުރިން 2019ގެ މިމުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ކަމަށްވާ 1.44 މިލިއަން ފަތުރުވެރިންނާއި އަޅާބަލާއިރު، 3.1 އިންސައްތަ ދަށް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށްވަނީ 58190 ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ ކޯވިޑުގެ ކުރިން 2019ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ މި މުއްދަތުގައި ރާއްޖެއައި ފަތުރުވެރިންގެ އަދަދަށްވުރެ %7.5 އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެ އައިސްފައިވަނީ 54143 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ އިންޑިއާއެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުުރުވެރިންގެ 14 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، ރަޝިއާއިންއެވެ. އަދި 3 ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

ސަރުކާރުންވަނީ މިއަހަރަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައެވެ. މި އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 197453 ފަތުރުވެރިންނެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4849 ފަތުރުވެރިން އަންނަ އިރު، އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި އަދަދަށް ކޮންމެ ދުވަހަކު ރާއްޖެއަށް ފަތުރުވެރިން އަންނަނަމަ، އަހަރު ނިމޭއިރު، 1.64 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެއެވެ.