ޚަބަރު

ވޯލްޑް ކަޕް ފޯރި އިތުރުކުރަން ދިރާގުން ޚާއްޞަ ޕްރޮމޯޝަންތަކެއް


އާދިއްތަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާއި ދިމާކޮށް ދިރާގުން "ދިރާގު ފުޓުބޯޅަ އީދު" ކެމްޕެއިން އިފްތިތާޙްކޮށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގު ހެޑް އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖާރ އެޑްވަރޓައިޒިންގ، ޙަސަން ޝާރިހް ވިދާޅުވީ އެކުންފުނިން އިފްތިތާޙްކުރި "ދިރާގު ފުޓުބޯޅަ އީދު" ކެމްޕެއިންގެ ބޭނުމަކީ ޚާއްސަ ޕްރޮމޯޝަންތަކާއި އޮފާރތަކާއެކު ރާއްޖޭގެ ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންނާއި ފޯރި ގެނެސްދިނުންކަމަށެވެ.

ދިރާގުގެ ޚާއްޞަ ޕްރޮމޯޝަންތައް:

* ޖެހީ ލިބުނީ ޖީބީ
* މެޖިކް ޑޭޓާ
* ޑަބަލް ޑޭޓާ

މި ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންމެ ހަފުތާއަކުވެސް ޚާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދާނެކަމަށް ދިރާގުން ބުންޏެވެ. އަދި "ގެސް ދަ ޕްލޭޔާ؟" ގެ ނަމުގައި ކުއިޒެއްވެސް މިކެންޕޭންގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި ކުއިޒްގައި ބައިވެރިވެގެން ކޮންމެވެސް 5 ނަސީބުވެރިއަކަށް 3000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެކަމަށާއި، މި ފަސް ބުރުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުވަތުން މޮޅުވާ އެއް ބޭފުޅަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގޭމެއްވެސް ދޭނެކަމަށް އެކުންފުނިން ބުންޏެވެ.

މިކެންޕެއިންގެ ދަށުން "ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ ވައިބަރ އަދި ޓެލެގްރާމް ސްޓިކަރ ޕެކެއްވެސް ވަނީ ނެރެފައެވެ.