ޚަބަރު

އިސްދޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެހީވަނީ


ފަތުރުވެރި ކަމަށް އިސްދޫން ބިން ކުއްޔަށް ދޫކުރުމުގައި ފަންނީ އެހީތެރިކަން ދިނުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ލ.އިސްދޫ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް ޑރ.އަހުމަދު ސާލިހެވެ. އިސްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާޙިމް ހަލީލެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން އިސްދޫގައި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައެޅޭ ބިންތައް ބީލަމުގެ އުސޫލުން ކުއްޔަށް ދިނުމަށް ބޭނުންވާ އިއުލާނާއި، ބީލަން ފޮތާއި، އެވޯޑް ލެޓާރގެ އިތުރުން އެއްބަސްވުން ތައްޔާރުކުރުމާއި ބީލަމާއި ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިޔުމަށް އެރަށު ކައުންސިލްގެ އެދުމުގެ މަތިން، މިނިސްޓްރީގެ ފަންނީ އެހީތެރިކަން ކައުންސިލަށް ދޭނެއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް ޑރ.އަޙްމަދު ޞާލިޙް ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން އިސްދޫ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޞާލިހު ވިދާޅުވިއެވެ.

" ފުރަތަމަ ކަމަކަށް ބިން ކަނޑައެޅުމުގައިވެސް، ޓޫރިޒަމް ދާއިރާއަށް ބިން ކަނޑައެޅުމުގައިވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަހުުރި، އެންމެ ރަނގަޅު ސަރަހައްދުތައް ކަނޑައެޅުމާއި، ޕްލޭން ކުރުމުގައިވެސް، ޑިޒައިން ކުރުގައިވެސް އެހީތެރިވެދޭނެ،" ޞާލިހް ވިދާޅުވިއެވެ.

އިސްދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމާއި ގުޅޭގޮތުން ކައުންސިލްގެ ރައީސް އިބްރާޙިމް ޚަލީލު ވިދާޅުވީ، އެރަށަކީ އާސާރީގޮތުން މުއްސަނދިކަން ލިބިފައިވާ ރަށެއްކަމުން އެރަށުގައި ފަތުރުވެރިކަމަށް ގިނަ ފުރުސަތުތައް އެބަހުރި ކަމަށެވެ.

" ރަށަކީ އަތޮޅުގެ އެއްކޮޅުގައި އޮންނަ ރަށަކަށްވެފައި، ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް، ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް، އިސްދޫއަކީ ރާއްޖޭގައި ނިސްބަތުންބަލާއިރު ދަނޑުވެރިކަން އެންމެ ރަނގަޅަށް ކުރާ ރަށަކީ އިސްދޫ، ބޭނުންވަނީ ފަތުރުވެރިކަން ފުޅާކުރުމަށް އަތުގައި ހިފައިގެންދާނެ ފަރާތެއް،" ޚަލީލު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް 2 ކައުންސިލަކާއެކު މިފަދަ އެއްބަސްވުންތަކެއް ގާއިމްކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެއްބަސްވުންތަކެއް ގާއިމްކުރެވިފައި ނެތް ނަމަވެސް ވަރަށް ގިނަ ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ.