ޚަބަރު

ޑެޕިއުޓީ ޕީޖީގެ މަގާމަށް އިތުރު ބޭފުޅުން އައްޔަން ކުރަނީ


ރައީސުލްޖުމްހޫރިއްޔާ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް މަޤާމަށް އައްޔަންކުރެއްވުމަށް މަޤާމުގެ ލިޔުން ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް އެއް ބޭފުޅުންނަށްވުރެ ގިނަ ބޭފުޅުން ޢައްޔަންކުރެވޭ ގޮތަށް ސަރުކާރުން ޕްރޮސެކިއުޓަރ ޖެނަރަލްގެ ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވައިފިއެވެ. ޕްރޮސެކިއުޓަރ ޖެނަރަލްގެ ޤާނޫނު މިހާރު އޮންނަ ގޮތުން ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އެހީތެރިވެދެއްވުމަށްޓަކައި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް ޢައްޔަންކުރެވޭނީ އެންމެ ބޭފުޅެކެވެ. މިޤާނޫނު އިޞްލާޙު ކުރެއްވުމަށް ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ހުށަހަޅުއްވި އިޞްލާޙުގައި ބަޔާންކުރައްވައިފައިވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އެހީތެރިވެދެއްވުމަށްޓަކައި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް އެކަކު ނުވަތަ ބަޔަކު ޢައްޔަންކުރެއްވިދާނެކަމަށެވެ. އަދި އެއްބޭފުޅުންނަށްވުރެ ގިނަ ބޭފުޅުން ޑެޕިއުޓީ ޕީޖީގެ މަޤާމަށް ޢައްޔަންކުރައްވާނަމަ، އޭގެތެރެއިން ޕީޖީގެ މަޤާމް ހުސްވެއްޖެ ޙާލަތެއް އަތުވެއްޖެނަމަ އެމަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ބޭފުޅެއް ކަނޑައަޅައިފައި ހުންނަވާނޭ ކަމަށްވެސް ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގައިވެއެވެ. ޑެޕިއުޓީ ޕީޖީގެ މަޤާމަށް އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ޢައްޔަންކުރެވޭ ގޮތަށް ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ ޕީޖީ އޮފީހުގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް އެންމެ ހަރުދަނާގޮތެއްގައި އަދާކުރެއްވުމަށް ކަމަށް ބިލުގައި ބަޔާންކުރައްވާފައިވެއެވެ. ޕްރޮސެކިއުޓަރ ޖެނަރަލްގެ ޤާނޫނުގައިވާ ގޮތުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައި، އަދި ވަކިކުރައްވާނީ ޕްރޮސެކިއުޓަރ ޖެނަރަލެވެ.