މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ނެރެފައިވާ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ރާއްޖެއިންވަނީ 19372 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާއި އަޅާ ބަލާއިރު، 2 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ މަހުގެ އުފެއްދުންތައް އިތުރުވެފައިވުމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓުކުރި މިންވަރު އިތުުރުވުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ރާއްޖެއިން ވަނީ 6505 މެޓްރިކް ޓަނުގެ ގަނޑުކުރި ކަންނެލި އެކްސްޕޯޓުކޮށްފައެވެ.
ދެވަނަ އަށް އެންމެގިނަ އަދަދަކަށް ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން މި މުއްދަތުގައި ރާއްޖެއިން ވަނީ 4423 މެޓްރިކް ޓަނުގެ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓުކޮށްފައެވެ.
ދެން އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ ތާޒާ ރީނދޫ އުރަހަ ކަންނެލި މަހެވެ. މި އަހަރުގެ 3 ވަނަ ކުރާޓަރުގައި ރާއްޖެއިން 1343 މެޓްރިކް ޓަނުގެ ތާޒާ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓުކޮށްފައިވާ ކަމަށް އެމް.އެމް.އޭއިން ހާމަކުރެއެވެ.
ރާއްޖެއިން މި މުއްދަތުގައި އެކްސްޕޯޓުކޮށްފައިވާ މަހުގެ އަދަދު އިތުރުވެފައިވީ ނަމަވެސް، މަސް ކުންފުނިތަކުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި މަސް ގަނެފައިވާ މިންވަރު ވަނީ ދަށްވެފައެވެ.
ރިޕޯޓުގައިވާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި މަސް ކުންފުނިތަކުން 14452 މެޓްރިކް ޓަނުގެ މަސްވަނީ ގަނެފައެވެ. މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި މަސް ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރާ އަޅާ ބަލާއިރު 19 އިންސައްތަ ދަށް އަދަދެކެވެ. މީގެ މައިގަނޑު ސަބަބުތަކަކީ އެ މުއްދަތުގައި ރީނދޫ އުރަހަ ކަންނެލި ގަނެފައިވާ މިންވަރު 53 އިންސައްތަ ދަށްވުމެވެ. އަދި ކަޅުބިލަމަސް ގަނެފައިވާ މިންވަރުވެސް 5 އިންސައްތަ ދަށްވުމެވެ.
މިއަހަރުގެ 3 ވަނަ ކުއާޓަރުގެތެރޭގައި ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވެ، މަސް ކިރުވާ މިންވަރު އިތުރުވުމާއި އެކު ކެޕޭސިޓީ ފުރެމުންދިޔުމުން، މަސް ކުންފުނިތަކުން ވަނީ މަސް ގަންނަ މިންވަރު ލިމިޓުކޮށްފައެވެ. 3 ވަނަ ކުއާޓަރުގައި ކަޅުބަލި މަސް ގަނެފައިވާ މިންވަރު ދަށްވުމުގެ މައިގަނޑު ސަބަބަކީ މިއީ ކަމަށް އެމް.އެމް.އޭއިން ހާމަކުރެއެވެ.