ކުޅިވަރު

ރޮނަލްޑޯ ފާޑުކިޔާ ފަރާތްތަކަށް ޖަވާބުދީފި


ރޯމާ ކޮޅަށް، ރޯމާގެ ދަނޑުގައި ލަނޑުޖަހައިގެން
ރިއަލްމެޑްރިޑް މޮޅުކޮށްދީ، ރޮނަލްޑޯ ފާޑުކިޔާ ފަރާތްތަކަށް ޖަވާބުދީފިއެވެ. ޗެމްޕިއަންސްލީގުގައި
ރޭ ރޯމާއާއި ދެކޮޅަށް ނިކުތުމުގެ ކުރިން، އަވޭ މެޗުތަކުގައި ލަނޑު ނުޖެހޭކަމަށް
ބުނެ ރޮނަލްޑޯއާއި ނޫސްވެރިން ކުރި ސުވާލުތަކާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަ
ނުޖެހި، ރުޅިގަދަވެފައި ހުރި ރޮނަލްޑޯ ވަނީ ޗެމްޕިއަންސްލީގުގެ ގަދަ ސޯޅައިގެ
ފުރަތަމަ ލެގުގައި ރޭ ރޯމާ އަތުން ރިއަލްމެޑްރިޑް މޮޅުވި މެޗުގެ ފުރަތަމަ ލަނޑު
ޖަހާފައެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނަވާވީސްވަނަ ދުވަހުގެ ފަހުން
އަވޭގައި ރޮނަލްޑޯޖެހި ފުރަތަމަ ލަނޑެވެ. ނަމަވެސް މިސީޒަންގެ ޗެމްޕިއަންސްލީގުގައި
އަވޭގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ރޮނަލްޑޯއެވެ. އޭނާ ވަނީ އަވޭގައި
ފަސް ގޯލް ޖަހާފައެވެ. ރޭ ރޮނަލްޑޯ ޖެހި ލަނޑަކީ ސީޒަންގައި ރޮނަލްޑޯ ޖެހި
ތެއްތިރީސްވަނަ ލަނޑެވެ. ދެވަނަ ހާފްގެ ދެ ލަނޑުން، 2-0 ން ރިއަލްމެޑްރިޑް
މޮޅުވި މެޗުގެ ދެވަނަ ލަނޑު ޖެހީ ޔެސޭ ރޮޑްރިގޭޒްއެވެ. މެޗަށްފަހު ރިއަލްމެޑްރިޑްގެ ކޯޗު ޒިދާން
ބުނީ ރޮނަލްޑޯއާއި، މުޅި ޓީމްގެ ކުޅުމާއި، ނަތީޖާއާ  މެދުވެސް ހިތްހަމަ ޖެހޭކަމަށާއި، މެޗު
އުނދަގޫވާނެކަމަށް ކުރިންވެސް އިނގޭކަމަށެވެ." މެޗާއި، މެޗުގެ ނަތީޖާއާއި މެދުވެސް އަހަރެމެން ހިތްހަމަޖެހޭ. މެޗަށް ނިކުއިންއިރުވެސް މިއީ އުނދަގޫ މެޗެއްކަން އިނގޭ. ފުރަތަމަ ހާފްގައި ޕްރެޝަރ އޮތީ އަހަރެމެންނަށް. އެއީ އުނދަގޫ ޗެމެޕިއަންސްލީގު މެޗެއްގައި އެކަން ވާނެގޮތް. " ކުރިން ރިއަލްއަށް ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބު ހޯދައިދީފައިވާ ޒިދާން ބުންޏެވެ.  ޚާއްޞަކޮށް ޔެސޭ ރޮޑްރިގޭޒްގެ ގޯލާއި މެދު
ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައިހުރިކަމަށާއި، އޭނާގެ މަސައްކަތާއިއެކު އޭނާއަށް
ގޯލް ހައްޤުކަމަށްވެސް ޒިދާން ބުންޏެވެ. މިއީ ރިއަލްގެ ކުރީގެ ކުޅުންތެރިޔާ ޒިދާންގެ
އިރުޝާދުގެ ދަށުން ޗެމްޕިއަންސްލީގުގައި ރިއަލްމެޑްރިޑް ކުޅުނު ފުރަތަމަ މެޗެވެ. މިމޮޅާއެކު ކްއާޓަރ ފައިނަލުން ރިއަލްމެޑްރިޑަށް ޖާގަ ލިބުން އޮތީ ވަރަށް
ކައިރީގައެވެ.