ޚަބަރު

ގައްދޫ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް ލަންކާ ކުންފުންޏަކަށް


ގދ. ގައްދޫގައި ތަރައްޤީކުރާ ގޭދޮށު މަސްފެކްޓްރީގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ. ގައްދޫގައި މަސްފެކްޓްރީއެއް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިލިކް ލަންކާއާއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ގައްދޫ ކައުންސިލާއި، ސިލިކް ލަންކާގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ. މިކަމަށްޓަކައި ގައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ގައްދޫ ކައިންސިލްގެ ރައީސް މުޙައްމަދު އަޙްމަދު ވިދާޅުވީ، މިއީ 5 މިލިއަން ޑޮލަރުގެ މިއިންވެސްޓްމަންޓެއް ކަމަށެވެ. މި މަޝްރޫޢުގެ ތެރޭގައި އޮޕަރޭޝަންގެ 60 އިންސައްތަ މުވައްޒަފުންގެ ގޮތުގައި ދިވެހި މުވައްޒަފުން ހިމެނުމާއި، މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭނެ އެންމެ ޒަމާނީ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން ދަޅު މަސް ބަންދުކުރުމާއި، 25 މެޓްރިކް ޓަނުގެ ބްލޮކް އައިސް ޕްލާންޓެއް ޤާއިމްކުރުމާއި، 10 ޓަނުގެ ފްލޭކް އައިސް ޕްލާންޓެއް ޤާއިމްކުރުމާއި، 100 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ބްލާސްޓް ފްރީޒަރއެއް ބެހެއްޓުމުގެ އިތުރަށް އެއް މިލިއަން ޑޮލަރުގެ ފިޝް މީލް ޕްލާންޓެއް ޤާއިމްކުރުން ހިމެނެއެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން އިޤްތިޞާދީގޮތުން ހެޔޮ ބަދަލުތަކެއް ރަށަށް އަންނާނެ ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި މި މަޝްރޫޢުގެ ފައިދާ ގައްދުއާއި ހުވަދޫގެ ރަޢްޔިތުންނަށް ލިބިގެންދިޔުން ކަމަށެވެ.

މި މަޝްރޫޢުކުރިއަށް ގެންދަނީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކަމަށްވެސް މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ.

ދެކުނަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މަސްވެރިކަމުގެ މަޝްރުޢޫތަކުގެ ދަށުން ދާދިފަހުން ވަނީ ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 2 ގުނަ ބޮޑުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިފްކޯ އާއި ކައުންސިލާއި ދެމެދު ސޮއިކޮށްފައިވަނީ އައިސްޕްލާންޓު ބޮޑުކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމުގައެވެ.

މިފްކޯއިން ވިދާޅުވެފައިވަނީ، ގދ. ގައްދޫގައި ޤާއިމްކޮށް ހިންގުމުން ގެންދާ 25 ޓަނުގެ އައިސްޕްލާންޓުގެ ބަދަލުގައި މުޅިން އައު 50 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ކެޕޭސިޓީ ދެގުނައަށް އިތުރު ވުމާއެކު 100 ޓަނުގެ އައިސް ކޯލްޑް ސްޓޯރޭޖެއް ވެސް ގާއިމް ކުރެވިގެން ދާނެކަމަށް މިފްކޯއިން ހާމަކުރެއެވެ.