ޚަބަރު

ކުރިއަށް އޮތް 6 ދުވަސްތެރޭ 1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވެވޭނެ


ކުރިއަށްއޮތް 6 ދުވަސްތެރޭ މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒު ހާސިލްކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފިއެވެ.

ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.5 މިލިއަން ފަތުރުވެރިން އައިސްފައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވީ، ރާއްޖެއަށް އަހަރުގެ މިހާތަނަށް ފަތުރުވެރިން އައިސްފައިވާ މިންވަރަށް ބަލާއިރު، އަމާޒް ހާސިލްކުރުމަށް ދެން ބޭނުންވަނީ ގާތްގަނޑަކަށް 40000 ވަރަކަށް ފަތުރުވެރިން ކަމަށެވެ.

"މި ރޭޓުން ދަންޏާ ފަހަރެއްގައި 18ގައި، އެންމެ އެކަށީގެންވަނީ 19ގައި، އެދުވަހު ނުވެއްޖެޔާ 20 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވާނެ، ދެން އެހެންވީމަ އެބަ ލިބޭ 11 ވަރަކަށް ދުވަސް، އަހަރު ނިމޭއިރު ރީތި ނަމްބަރުތަކެއް ލިބޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް ވަނީ 1.7 މިލިއަން ފަތުރުވެރިން އައިސްފައެވެ. މިނިސްޓަރ މައުސޫމް ވިދާޅުވީ ފަތުރުވެރިންގެ އަދަދުތައް މިހާރު ހުރި ގޮތުން 2019ގެ އަދަދާއި ގާތަށް ނުވަތަ އެ އަދަދަށް ފަތުރުވެރިން ރާއްޖެއަށް މިއަހަރު އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިނިސްޓަރ ވަނީ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކުރަމުންދާ މަސައްކަތުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްފައެވެ.

" ޓާގެޓާއި ހަމައަށް މިގެންދަނީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން، އިންވެސްޓަރުންނާއި، ރިސޯޓު އޯނަރުންނާއި، ރިސޯޓު މެނޭޖްމަންޓުތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ޓްރެވަލް އެޖެންޓުންނާއި، މި ހުރިހާ އެންމެން، އަޅުގަނޑުމެން ފަހި މިކޮށްދެނީ" މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށްވެސް ރާއްޖެއަށް ވަނީ 69770 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ 2019 ވަނަ އަހަރު ޑިސެމްބަރުމަހު ރާއްޖެ ޒިޔާރަތްކުރި 62460 ފަތުރުވެރިންނާއި އަޅާބަލާއިރު، 11.7 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، އޭގެތެރެއިން 14.3 އިންސައްތަ އަކީ އިންޑިއާ ފަތުރުވެރިންނެވެ. އަދި 12.1 އިންސައްތަ ހިއްސާއާއެކު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.