ޚަބަރު

ބޮއިކޮޓްކުރުމުގެ އަޑު ގަދަވެފައިވަނިކޮށް "ޕަތާން" ގެ ދެވަނަ ލަވަވެސް ދޫކޮށްލައިފި


އަންނަމަހު ރިލީޒްކުރާ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ޕަތާން" ގެ ފުރަތަމަ ލަވަ "ބޭޝަރަމް ރަންގް" އަށް އެތައް ފާޑުކިޔުންތަކެއް އަމާޒުވެ، ލަވަޔާއި ހެދި ޝާހު ދިރިހުއްޓައި އަންދާލާނެ ކަމަށްވެސް ބުނެފައިވަ ވަނިކޮށް އަނެއްކާވެސް އެ ފިލްމުގެ އިތުރު ލަވައެއް މިވަނީ ރިލީޒްކޮށްފައެވެ.

މި ފަހަރުގެ ލަވަ އަކީ "ޖޫމޭ ޖޯ ޕަތާން" އެވެ. "ބޭޝަރަމް ރަންގް" ގެ ވެސް މިއުޒިކް ހެދި ވިޝާލް-ޝޭކަރްގެ މިއުޒިކަށް ގެނެސްދިން ދެވަނަ ލަވަ ކިޔާފައި ވަނީ އަރީޖިތު ސިންގް އާއި ސުކްރުތީ ކައްކަރުގެ އިތުރުން ލަވައިގެ ދެ މިއުޒިކް ޑައިރެކްޓަރުންނެވެ.

"ބޭޝަރަމް ރަންގް" އާ އެއްގޮތަށް އާ ލަވައިގައި ވެސް ދީޕިކާ ފެންނަނީ ނިވާކަން ކުޑަ ކޮސްޓިއުމްތަކެއްގައެވެ. "ބޭޝަމް ރަންގް" ގެ ލަވަ ބޮޑު މައްސަލަގަނޑަކަށްވި އެއް ސަބަބަކީ ވެސް އެއީއެވެ.

އެ ލަވައިގެ ބައެއް ކޮސްޓިއުމްތަކާއި ގައިގޯޅި މަންޒަރުތަކާއި ހެދި އިންޑިއާގެ އެކި ހިސާބުތަކުގައި "ޕަތާން" އާ ދެކޮޅު ހަރަކާތްތައް އެކި ފަރާތްތަކުން ދަނީ ހިންގަމުންނެވެ. އަދި ބައެއް މީހުން ވަނީ ފިލްމު ސިނަމާތަކުގައި އަޅުވަން ހުރަސް އަޅައި ސިނަމާތަކުގައި ރޯކޮށްލާނެކަމުގެ އިންޒާރު ވެސް ދީފައެވެ.

އަންނަ މަހުގެ 25 ގައި ރިލީޒްކުރާ "ޕަތާން" އަކީ ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މީގެ ވިލަން އަކީ ޖޯން އަބްރަހަމެވެ. "ބޭޝަރަމް ރަންގް" ގެ ކޮރިއޯފަރަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކުގައި ކޮރިއޯގްރާފރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މަޝްހޫރު ކޮރިއޮގްރާފަރު ވައިބާވީ މާޗަންޓެވެ.

"ޕަތާން" އަކީ 2014 ވަނަ އަހަރު ދެއްކި "ހެޕީ ނިއު އިޔާ" އަށް ފަހު ޝާހްރުކާއި ދީޕިކާގެ ޖޯޑު އެކީގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމެވެ. ދީޕިކާ ބޮލީވުޑަށް ނުކުތީ 2007 ވަނަ އަހަރ ދެއްކި "އޯމް ޝާންތީ އޯމް" އިންނެވެ. މި ފިލްމުގައި ދީޕިކާއާއި އެކު ލީޑް ރޯލުން ފެނުނީ ޝާހުއެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ދެއްކި "ޗެންނާއި އެކްސްޕްރެސް" ގައި ވެސް ދެ ތަރިން އެކުގައި މަސައްކަތްކުރިއެވެ.