ޚަބަރު

"ޗެލޯ ޝޯވ" އޮސްކާއަށް ނޮމިނޭޓް ވެއްޖެ


އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗަރ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވާ ފިލްމަކަށް ކުރިން އެ ފިލްމެއްގެ ވާހަކަ އާންމުންގެ ތެރޭގައި މާ ބޮޑަކަށް ނުވެސް ދެކެވޭ ގުޖުރާތީ ފިލްމު "ޗެލޯ ޝޯވ: ލާސްޓް ފިލްމު ޝޯވ" ފޮނުވަން ނިންމާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

މި ފިލްމު މިހާރު ވަނީ އިންޓަނޭޝަނަލް ފީޗަރ ފިލްމު ކެޓަގަރީ އިން ޖާގައެއް ހޯދާފައެވެ. ދަ އެކަޑަމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސް އިން ވަނީ 10 ކެޓަގަރީއަކަށް ޝޯޓު ލިސްޓު އިއުލާނުކޮށްފައެވެ. އެ ކެޓަގަރީތަކަކީ ޑޮކިއުމެންޓްރީ ފީޗަރ، އިންޓަނޭޝަނަލް ފިލްމު، މޭކަޕް އެންޑް ހެއާ ސްޓައިލިންގް، ސްކޯ، އޮރިޖިނަލް ސޯންގް، ސައުންޑް، ވިޝުއަލް އިފެކްޓްސް އަދި ޝޯޓްސް އެވެ.

"ޗެލޯ ޝޯވ" ގެ އިތުރުން އެސްއެސްރާޖަ މޯލީގެ ހިޓް ފިލްމު "އާރްއާރްއާރް" ގެ ލަވައެއް ކަމަށްވާ "ނާޓޫ ނާޓޫ" ވެސް ވަނީ އެންމެ މޮޅު އޮރިޖިނަލް ސޯންގް ގެ ކެޓަގަރީއަށް ޝޯޓް ލިސްޓުވެފައެވެ.

"ޗެލޯ ޝޯ" އާއިއެކު އިންޓަނޭޝަނަލް ފީޗަރ ފިލްމުގެ ކެޓަގަރީއަށް ވާދަ ކުރާ އެހެން ފިލްމުތަކުގެ ތެރޭގައި "އާޖެންޓީނާ"، "1985"، "ޑިސިޝަން ޓު ލީވް"، "އޮލް ކުއައިޓް އޮން ދަ ވެސްޓާން ފްރަންޓް"، "ކްލޯޒް" އަދި "ދަ ބްލޫ ކެޕްޓަން" ހިމެނެއެވެ.

އޮސްކާ އަށް ފޮނުވާ ފިލްމަކަށް ފިލްމު ފެޑެރޭޝަން އޮފް އިންޑިއާ، އެފް.އެފް.އައި އިން "ޗެލޯ ޝޯވ" ހޮވިއިރު، ކުރިން ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ އޮސްކާއަށް އިންޑިއާ އިން ފޮނުވާނީ މި އަހަރުގެ މާރިޗުގައި ރިލީޒްކުރި ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ކަމަށެވެ. މި ފިލްމަކީ އޮސްކާ އަށް އިންޑިއާ އިން ފޮނުވަން ގިނަ ބަޔަކު އެންމެ ބޮޑަށް ލޮބީކުރި ފިލްމު ވެސް މެއެވެ.

"އާރްއާރްއާރް" ގެ އިތުރުން އޮސްކާއަށް ފޮނުވަން ހޮވާނެ ކަމަށް ބެލެވުނު ފިލްމުމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި ވިވެކް އަގްނިހޯތުރީގެ "ދަ ކަޝްމީރު ފައިލްސް" ގެ އިތުރުން އާރް މާދްވަންގެ "ރޮކެޓްރީ" ހިމެނެއެވެ.

ނަމަވެސް "ދަ ލާސްޓް ޝޯވ" އޮސްކާ އަށް ފޮނުވަން ހޮވުންވީ ވަރަށް ބޮޑު ސަޕްރައިޒަކަށެވެ. މި ސަޕްރައިޒާއެކު ޑައިރެކްޓަރު ޕަން ނަލިންވެސް ބުނެފައިވާ ގޮތުގައި މިއީ ކުރިން އެއްވެސް ވަރަކަށް އުންމީދުކުރި ކަމެއް ނޫނެވެ.

މި ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި 66 ވަނަ ވެލޮޑޮލިޑް އިންޓަނޭޝަނަލް ފިލްމު ފެސްޓީވަލްގައި ދައްކައިގެން ގޯލްޑެން ސްޕައިކް އެވޯޑް ވެސް ލިބުނު ފިލްމެކެވެ.

"ދަ ލާސްޓް ފިލްމު ޝޯވ" އަކީ ނުވަ އަހަރުގެ ކުއްޖެއްގެ ހިތުގައި ސިނަމާ އަށް އޮންނަ ލޯބި ދައްކުވައިދޭ އެއްޗެކެޗެ. މި ފިލްމުގެ ކާސްޓްގައި ސަތިޝް ކޯޝިކް، ޕަތުނާ ޝުކްލާ، މާނަވް ވިޖް، ޗަންދަން ރޯއި ސަނިއާލް، ޖަތިން ގޮސްވާމީ އަދި އަނުޝްކާ ކޯޝިކް ހިމެނެއެވެ. އެކެޑެމީ އެވޯޑުގެ ނޮމިނޭޝަންތައް އަންނަ ޖެނުއަރީ 24 ގައި އިއުލާން ކުރާއިރު މި ހަފްލާ އޮންނާނީ އަންނަ އަހަރުގެ މާރިޗު 12 ވަނަ ދުވަހު ލޮސް އެންޖެލިސްގެ ޑޮލީ ތިއޭޓަރުގައެވެ.