ޚަބަރު

31 އަހަރު ފަހުން ދަރޭ އާއި ޑިމްޕަލް އެކުގައި ސްކްރީނަށް


ކުރީގެ މަޝްހޫރު ދެތަރިން ކަމުގައިވާ ދަރުމެންދްރާ އާއި ޑިމްޕަލް ކަޕާޑިއާ ގާތްގަނޑަކަށް 31 އަހަރު ފަހުން އަނެއްކާވެސް އެކުގައި ސްކްރީނުން ފެންނަން ތައްޔާރު ވެއްޖެއެވެ.

1988 ވަނަ އަހަރު ދެއްކި "ސާޒިޝް" އަދި 1989 އަހަރު ދެއްކި "ބަޓުވާރާ" ފަދަ ފިލްމުތަކުން އެކުގައި ފެނިފައިވާ މި ދެތަރިން ސޮއިކޮށްފައި ވަނީ ޝާހިދު ކަޕޫރާއި ކްރިތީ ސެނަން މި މަހުގެ 15 އިން ފެށިގެން ޝޫޓްކުރަމުން އަންނަ އަދި ނަން އިޢުލާން ނުކުރާ ރޮމޭންޓިކް ކޮމެޑީއަށެވެ. "މިމީ" އާއި "ލުކާ ޗުއްޕީ" ފަދަ ފިލްމުތައް ގެނެސްދިން ލަކްޝްމަން އުޓޭރަކް ޑައިރެކްޓްކުރާ އެ ފިލްމަކީ ރޮބޮޓިކް ތީމަކަށް ހަދާ އެއްޗެކެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އުފައްދާ މި ފިލްމުގެ ޝޫޓިން ރާޖަސްތާނުގައި ކުރިއަށްދާ އިރު، އޭގެ ދެވަނަ ޝެޑިއުލް ނިއު ދިއްލީ ނުވަތަ ޗަންދީގަޅްގައި ފަށާއިރު، ދަރޭ އާއި ޑިމްޕަލް ކާސްޓާއި ކްރޫއާ ގުޅޭނެ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.

ދަރޭގެ ދަރިފުޅު އަދި އެކްޓަރު ސަނީ ޑިއޯލްއާއި ޑިމްޕަލް އަކީ ކުރިން ލޯބީގެ ގޮތުންވެސް ގުޅިގެން އުޅުނު ދެ ތަރިންނެވެ. ދެމީހުންގެ ގުޅުން މިހާރުވެސް ކުރިއަށްދާ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. "އަރުޖުން" ، "މަންޒިލް މަންޒިލް" އަދި "އާގް ކާ ގޯލާ" ފަދަ ފިލްމުތަކުން އެކުގައި ފެނިފައިވާ ޑިމްޕަލް އާއި ސަނީ އުޅެނީ ކައިވެނިކޮށްގެން ކަމަށްވެސް ވާހަކަތައް ދެކެވެއެވެ.

ދަރޭއާ ޑިމްޕަލް އެކީ އެންމެ ފަހުން މަސައްކަތްކުރީ 1991 "ދުޝްމަން ދޭވްތާ" ގައެވެ.

މިހާރު އުމުރުން 87 އަހަރުގެ ދަރޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާގެ "އެއްކީސް" ހިމެނެއެވެ.