ޚަބަރު

2023 އަށް މަަރުހަބާ ކިޔުމަށް ހަވައާއެކު ޚާއްސަ މިއުޒިކް ޝޯވއެއް


2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެގޮތުން ޚާއްސަ މިއުޒިކް ޝޯވއެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ތައްޔާރުވެއްޖެއެވެ.

އައު އަހަރަށް މަރުހަބާ ކިޔުމަށް "މޯލްޑިވްސް ވާއު ފެސްޓް"ގެ ނަމުގައި ބާއްވާ މި މިއުޒިކް ޝޯވ އޮންނާނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. ޝޯވ ފެށުމަށް ހަމަޖެހިފައިވަނީ އެރޭގެ 20:30 ގައެވެ.


މި ޝޯވގައި ޕަރފޯމްކުރުމަށް ހަމަޖެހިފައިވާ ފަންނާނުންގެ ތެރޭގައި ބޮލީވުޑައި މިހާރު އަަރަމުން އަންނަ ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭ ހިމެނެއެވެ.

ޕައުނީ އާއްމުންގެ މެދުގައި ބޮޑަށް މަޝްހޫރުވެގެންދިޔައީ 2017 ވަނަ އަހަރު ނެރުނު ޝާހްރުކް ޚާންގެ ފިލްމް "ރައީސް" އަށް އޭނާ ކިޔައިދިން "ލައިލާ މެ ލައިލާ" އިންނެވެ. މިއީ 1980 ވަނަ އަހަރު ނެރުނު ފިލްމް "ޤުރުބާނީ" ގައި ހަމަ އެނަމުގައި ހިމެނޭ ލަވައިގެ ރީމޭކެކެވެ. މި ދެ ލަވައަކީ ދިވެހިންގެ މެދުގައިވެސް މަޤުބޫލު ދެ ލަވައެވެ. އޭނާ އެންމެފަހުން ލަވައެއް ކިޔާފައިވަނީ މިދިޔަ އޯގަސްޓްމަހު ނެރުނު ފިލްމް "ލައިގާ" އަށެވެ.

މި ޝޯވގައި ޕައުނީގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ހަވާގެ ހަރަކާތްތައްވެސް ޝޯވގެ ތެރެއިން ކުރިއަށްދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.