އަންނަ ޖެނުއަރީމަހު މުދަލާއި ޙިދުމަތުން ނެގޭ ޓެކްސް ނުވަތަ ޖީ.އެސްޓީ ރޭޓް %8 އަށް ބަދަލުވުމާއި ގުޅިގެން، ވިޔަފާރިތައް އަހުލުވެރިކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ގިނަ ތައްޔާރީތަކެއް ވަމުންދާކަމަށް ހާމަކޮށްފިއެވެ.
އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިކަމުގެ މުދާލާއި ޙިދުމަތުން ނެގޭ ޓެކްސް، ޓީ.ޖީ.އެސް.ޓީ %16 އަށް އަދި މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްއިން %8 އަށް ބޮޑުވާނެއެވެ.
ޖީ.އެސްޓީ ރޭޓް ބޮޑުކުރުމާއި ގުޅިގެން ވިޔަފާރިތައް އަހުލުވެރިކުރުމަށް، މި ކަމަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިތަކުން ސަމާލުކަންދޭންޖެހޭ ކަންތައްތައް ހިމަނައިގެން 'ފެކްޓް ޝީޓް' އެއް ތައްޔާރުކޮށް މީރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާކަމަށް މިރާއިން ވިދާޅުވެއެވެ.
މި 'ފެކްޓް ޝީޓް' ގައި ވާގޮތުގެ މަތިން، ރޭޓް ބަދަލުވުމާއި ގުޅިގެން 'ކަޓް-އޯފް ވަގުތު' ކަނޑައަޅައި، ޖީ.އެސް.ޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފައިވެއެވެ. އެގޮތުން، 24 ގަޑިއިރު ޚިދުމަތް ނުދޭ ކެފޭތަކާއި ރެސްޓޯރަންޓްތަކާއި 24 ގަޑިއިރު ޚިދުމަތް ނުދޭ އެހެން ވިޔަފާރިތަކުން، އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ، އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގައި އެފަދަ ތަންތަން ހުޅުވާ ވަގުތުން ފެށިގެންކަމަށް މިރާއިން ވިދާޅުވެއެވެ.
އެ ނޫން ހުރިހާ ވިޔަފާރިތަކުން އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ 00:00 ފެށިގެން ޖީ.އެސް.ޓީ ނަގަންވާނީ އައު ރޭޓުތަކުގައިކަމަށް މިރާއިން ވިދާޅުވެއެވެ.
މިރާއިން ވިދާޅުވީ، މިފެކްޓް ޝީޓުގައި ޝާއިއުކޮށްފައިވާ ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުން ހިމެނޭ މުއާމަލާތްތަކުގައި 'ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު' ކަނޑައަޅާނެ ގޮތުގެ ބައެއް މިސާލުތައް ހިމަނާފައިވާނެކަމަށެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީ.އެސް.ޓީގެ އައު ރޭޓު ހިމަނައިގެންނެވެ. އެހެންނަމަވެސް، އެރެއިން އެރެއަށް އަގުތަކަށް ބަދަލުގެންނަން އުނދަގޫ ވާ ފަރާތްތަކުން، ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ނަގާނެ އަގާއި ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަގާނެ އަގު ސާފުކޮށް އެނގޭނެހެން އަގު ޖަހައިފައި ބެހެއްޓިދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީގެއިތުރުން، މި ބަދަލަށް ތައްޔާރުވުމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ދަނީ ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ.
މި ކެމްޕެއިންގެ ދަށުން މީރާގެ ޓިމުތަކުން ދަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތަކާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުމަށްފަހު ވިޔަފާރިތަކުން އަމަލުކުރަމުން ގެންދަނީ ޤާނޫނާއި އެއްގޮތަށްތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.
ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައު ޖީ.އެސް.ޓީ ރޭޓްތަކަށް އަންނަ ބަދަލަށް ތައްޔާރުވުމަށް، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށްވެސް މީރާއިން އިލްތިމާސްކުރެއެވެ.