ޚަބަރު

"ސާކަސް" އަށްފަހު ޖެކްލީންއަށް އަނެއްކާވެސް އިތުރު ފިލްމެއް


މިމަހު 23 ގައި ރިލީޒްކުރި ރޯހިތު ޝެޓީގެ "ސާކަސް" އިން ފެނުނު ބަތަލާ ޖެކްލީން ފެނާންޑެޒް އަނެއްކާވެސް އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.

ޖެކްލީންގެ މި ފަހަރުގެ ފިލްމަކީ "ފަތޭހް" އިންނެވެ. ނެޓްފްލިކްސް އިން މިހާރު ގެނެސްދެމުންދާ ވެބް ސީރީޒް "ކެޓް" ގެ އެކްޓަރު ސޯނޫ ސޫދާއެކު ފެންނަ މި ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުއެވެ.

ސޯނޫ ކުޅެ ޕްރޮޑިއުސްކުރާ މި ފިލްމަކީ ސޯނޫ އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ސްކްރިޕްޓާއި ސްކްރީންޕްލޭ ވެސް ލިޔެފައި ވަނީ ސޯނޫއެވެ. މި ފިލްމަކީ ޑިޖިޓަލް ސްކޭމަރުންނާއި، ހެކަރުންގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމަކަށް ވާތީ، ފިލްމުގެ އަސްލުކަން ދެމެހެއްޓުމަށްޓަކައި އޭނާ ވަނީ އެތިކަލް ހެކަރުންތަކެއްގެ މަޝްވަރާވެސް ހޯދާފައެވެ. ފިލްމު އުފައްދާ ފަރާތްތަކުން ރާވާފައި ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައި ފިލްމު ފަށައި އޭޕްރީލް މަހުގެ ނިޔަލަށް ފިލްމު ނިންމާލުމަށެވެ.

މި ފިލްމު އިޢުލާނުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަބީނަންނަދަން ގުޕްތާ ޑައިރެކްޓުކުރާ މި ފިލްމުގައި ފެންނާނީ ސޯނޫގެ މީގެކުރިން ނުފެންނަ ކަހަލަ އެކްޝަންއެއް ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ. ހަޤީޤީ ދިރިއުޅުމުގެ ހާދިސާތަކުން އިންސްޕަޔަރ ކޮށްގެން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑުގައި ހައި އޮކްޓޭން އެކްޝަން ސީކުއެންސްތައްވެސް ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމާއި ބެހޭގޮތުން މީގެކުރިން ސޯނޫ ބުނެފައިވާ ގޮތުގައި މީގެ ސްކްރިޕްޓް ފުރަތަމަ ފެނުނީމަވެސް މި ފިލްމަށް އޭނާ ވަނީ ޝައުގުވެރިވެފައެވެ.

ދާދި ފަހުން ސޯނޫ ވަނީ އޭނާގެ ބޮޑު އެކްޝަން ތްރިލާ އަށް ރިސާޗް ކުރުމަށް އިންޑިއާގެ އެންމެ މޮޅު އެއް އެތިކަލް ހެކިން ފާމް އީސީ ކައުންސިލްގެ ޚިދުމަތް ހޯދާފައެވެ. އެ ކުންފުނީގެ ޚާއްސަ ޓީމަކުން ދަނީ ރިސާޗްކޮށް ފިލްމުގެ ކޮންޓެންޓް ސުޕަވައިޒް ކުރަމުންނެވެ.