ޚަބަރު

"ޗަކްދާ އެކްސްޕްރެސް" ގެ ޝޫޓިން އަނުޝްކާ ނިންމާލައިފި


ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ކުރިކެޓް ކުޅޭ މީހެއްގެ ރޯލުން ފެންނަ ބަޔޯޕިކް "ޗަކްދާ އެކްސްޕްރެސް" ގެ ޝޫޓިން ނިންމާލައިފިއެވެ. ދަރިއަކު ލިބުނު ފަހުން އަނުޝްކާ ފުރަތަމަ ސޮއިކުރި މި ފިލްމު އިޢުލާނުކޮށް މަސައްކަތް ފަށާފައި ވަނީ މި އަހަރު ކުރީކޮޅުއެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ އަންހެން ކްރިކެޓް ތަރި، ޖޫލާން ގޮސްވާމީ އަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. އެގޮތުން "ޗަކްދާ އެކްސްޕްރެސް" ގައި މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ފެންނާނީ ޖޫލާންގެ ރޯލުންނެވެ. "ޗަކްދާ އެކްޕްރެސް" އަކީ އަނުޝްކާ އާއިލީ ފިލްމު ކުންފުނި، ކްލީން ސްލޭޓް ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން ހަދާ ފިލްމެކެވެ.

ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާން ނުކުރާ "ޗަކްދާ އެކްސްޕްރެސް" ގެ ޑައިރެކްޓަރަކީ ކްލީން ސްލޭޓުން ޕްރޮޑިއުސްކޮށް، 2018 ވަނަ އަހަރު އަނުޝްކާ ކުޅުނު ބިރުވެރި ފިލްމު "ޕަރީ" ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއި އެވެ.

އަނުޝްކާ އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކް ޚާނާއި ކެޓްރީނާ ކައިފާ އެކީ ކުޅެފައިވާ "ޒީރޯ" އިންނެވެ. މި މަހުގެ 1 ވަނަ ދުވަހު ކްލީން ސްލޭޓް އިން ނެޓްފްލިކްސް އަށް ގެނައި "ގަލާ" ގެ ޚާއްސަ ފެނިލުމަކުންވެސް އަނުޝްކާ ވަނީ ފެނިފައެވެ.