ވިޔަފާރި

އިންޑިއާ، ރަޝިޔާ މާކެޓް ވައްޓާލާ އިޓަލީ ކުރިޔަށް


މިއަހަރުގެ ފުރަތަމަ 2 ދުވަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީވިލާތުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އިޓަލީވިލާތް ހިމެނެނީ ހުސްވި 2022 ވަނަ އަހަރު ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ 2 ދުވަހު ރާއްޖެއަށް 11،112 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އައި 4625 ފަތުރުވެރިންނާއި، މިމަހުގެ 2 ވަނަ ދުވަހު ރާއްޖެ އައި 6487 ފަތުރުވެރިންނެވެ.

މިއީ ފާއިތުވި 2 އަހަރުގެ މިދެދުވަހާ އަޅާބަލާއިރުވެސް ގިނަ އަދަދެކެވެ. 2021 ވަނަ އަހަރުގެ ފުރަތަމަ 2 ދުވަހު ރާއްޖެ އައިސްފައިވަނީ 6165 ފަތުރުވެރިންނެވެ. އަދި 2022 ވަނަ އަހަރުގެ ފުރަތަމަ 2 ދުވަހު ރާއްޖެ އައީ 10،250 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައި އުޅޭ އިންޑިއާ އާއި ރަޝިއާ ފަހަތައް ޖައްސާލުމަށްފަހު އަހަރުގެ ފުރަތަމަ 2 ދުވަސް ނިމުނުއިރު އެންމެ ކުރީގައި އުޅެނީ އިޓަލީވިލާތެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިޓަލީވިލާތުން ރާއްޖެއަށް 2،343 ފަތުރުވެރިން ވަނީ އައިސްފައެވެ. 2 ވަނައިގައި އުޅެނީ ރަޝިއާއެވެ. އެ ޤައުމުން ރާއްޖެ އައިސްފައިވަނީ 1،784 ފަތުރުވެރިންނެވެ. އިންޑިއާ 3 ވަނައިގައި އުޅޭއިރު އެ ޤައުމުން ރާއްޖެ އައިސްފައިވަނީ 753 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ގަދަ 10 މާކެޓްގެ ތެރޭގައި ހިމެނޭ ޤައުމުތައް:

* އިޓަލީވިލާތް - %21.1
* ރަޝިއާ - %16.1
* އިންޑިއާ - %6.8
* އިނގިރޭސިވިލާތް - %5.4
* ޖަރުމަނުވިލާތް - %5.3
* އެމެރިކާ- %5.1
* ކަޒަކިސްތާން - %4.3
* ސްޕެއިން - %2.2
* ސްވިޓްޒަލޭންޑް - %2.1
* ފްރާންސް - %2

2022 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،675،294 ފަތުރުވެރިންނެވެ. މިއީ ސަރުކާރުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އަމާޒު ހިފި އަދަދަށްވުރެ އިތުރު އަދަދެކެވެ. ސަރުކާރުން 2022 ވަނަ އަހަރު އަމާޒުހިފީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

މިއަހަރު ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ރާއްޖޭގެ ފަތުރުވެރިކަމުގައި ރެކޯޑެއް ހެދުމަށެވެ. މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރު ރާއްޖެއަށް އައިސްފައިވަނީ 1.7 މިލިއަން ފަތުރުވެރިންނެވެ.