ޚަބަރު

ފުރަތަމަ ހަފްތާގައި ރާއްޖެއަށް 37209 ފަތުރުވެރިން


މިއަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 37000އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 37209 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 12.7 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް މިހާރުވަނީ 5000 ހުރަސްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5316 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.

މިއަހަރު ފެށިގެން އައިސްފައިވަނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓަށްވެސް ބޮޑެތި ބަދަލުތަކަކާއި އެކުއެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން އަންނަނީ ރަޝިއާއިންނެެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތައް

ރަޝިއާ - 7570 ފަތުރުވެރިން
އިޓަލީ - 5423 ފަތުރުވެރިން
އިންޑިއާ - 2921 ފަތުރުވެރިން

މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. ރާއްޖެއަށް މިދުވަސްވަރު ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދާއިރު، ރާއްޖެއަށް އޮތް ޑިމާންޑު ރަނގަޅުކަން ރާއްޖެ އަންނަ އެއަރލައިންތަކުގެ އަދަދުންވެސް ހާމަވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 33 އެއަރލައިންއަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.

ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.